ނޭމާ ކާމިޔާބުކުރި ތިން ގޯލުން ފުރިހަމަ ކުރި ހެޓްރިކާއެކު ސްޕެނިޝް ލީގުގައި ރޭ، ލަސް ޕަލްމަސްއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗުން ލަސް ޕަލްމަސްގެ މައްޗަށް ބާސާއިން ކުރިހޯދާފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.
ރޭގެ މޮޅާއެކީ 87 ޕޮއިންޓާއެކީ ގޯލުގެތަފާތުން ކުރިލިބިގެން ލީގުގެ އެއްވަނައިގައި ބާސާ އޮތްއިރު، ދެވަނައިގައި އޮތް ރެއާލްއަށް ވެސް، ހަމަ އެ އަދަދަށް ޕޮއިންޓް ވަނީ ލިބިފައެވެ. ނަމަވެސް ބާސާ ލީގުގެ އެއްވަނައިގައި އޮތީ، ރެއާލްއަށް ވުރެ އެއް މެޗު، އިތުރަށް ކުޅެގެންކަން ފާހަގަކޮށްލެވެއެވެ.
ލަސް ޕަލްމަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު، މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެންދިޔައިރު މެޗުގެ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑުނަގާފައިވަނީ 24 ވަނަ މިނެޓްގައި ނޭމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ނޭމާގެ އެހީތެރިކަމާއެކު ލުއިސް ސުއަރޭޒް ވަނީ ބާސާގެ ދެވަނަ ލަނޑުކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.
ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ބާސާއިން ނިންމާލިއިރު، މެޗުގެ 63 ވަނަ މިނެޓްގައި ބިގާސް ވަނީ ލަސް ޕަލްމަސްއަށް ލަނޑެއް ކާމިޔާބުކޮށްދީ، ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން، ބާސާގެ ލީޑު ނޭމާ ވަނީ ފުޅާކޮށްދީފައެވެ.
އަދި މެޗުގެ 71 ވަނަ މިނެޓްގައި، ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ، ނޭމާ ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ.
ލީގުގައި ބާސާއަށް ބާކީ ދެން އޮތީ، އެންމެ މެޗެއް ކަމަށްވާއިރު، އެޓީމަށް ލީގު ލިބެން އޮތީ، ލީގުގައި ރެއާލްއަށް ބާކީ އޮތް ދެ މެޗުން، އެޓީމުން ޕޮއިންޓްތަކެއް ގެއްލުވާލައިގެންނެވެ.
ބާސާއަކީ ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ލީގުގެ ފަހު މެޗުގައި ބާސާއިން އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ އެއިބާއާއެވެ.