އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އާ ދެކޮޅަށް ކުޅެ 1-2 ގެ ނަތީޖާއިން ޔުނައިޓެޑު ބަލިކުރުމަށްފަހު، ޓޮޓެންހަމް އިން އެ ކްލަބުގެ ސްޓޭޑިއަމް ކަމަށްވާ، "ވައިޓްހާޓް ލޭން" އަށް އަލްވަދާއު ކިޔައިފިއެވެ.
ރޭގެ މެޗަކީ "ވައިޓްހާޓް ލޭން" ގައި، ޓޮޓެންހަމް އިން ކުޅުނު އެންމެ ފަހު މެޗެވެ. އެހެން ކަމުން އަންނަ ސީޒަންގައިވެސް ޓޮޓެންހަމްއިން ވައިޓްހާޓް ލޭންގައި އެއްވެސް މެޗެއް ނުކުޅޭނެއެވެ. އެހެން ކަމުން އަންނަ ސީޒަނުގައި ޓޮޓެންހަމްގެ ހުރިހާ ހޯމް މެޗެއް ކުޅޭނީ، އިނގިރޭސި ރަސްމީ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީގައެވެ.
މިކަން މިގޮތަށް ނިންމީ ޓޮޓެންހަމްގެ ސްޓޭޑިއަމް ބޮޑު ކުރުމުގެ މަސައްކަތް މި ސީޒަނަށްފަހު ކުރިއަށްދާނެތީ، އެ ސްޓޭޑިއަމްގައި އަންނަ ސީޒަނުގައި، މެޗުތަށް ނުކުޅެން ނިންމާފައިވާތީއެވެ. އެ ސްޓޭޑިއަމް ބޮޑުކުރުމުގެ ބައެއް މަސައްކަތްތަށް، މިހާރުވެސް ދަނީ ކުރަމުންނެވެ.
ޓޮޓެންހަމްގެ ސްޓޭޑިއަމް ބޮޑުކުރުމަށްފަހު ހުޅުވުމަށް، ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރެ ހިސާބުގައިކަމަށް ރިޕޯޓްތަށް ބުނެއެވެ.
ރޭގެ މެޗުގައި ޓޮޓެންހަމްއިން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދީ މެޗުގެ ލީޑުނަގައިދިނީ ވިކްޓަ ވަންޔާމާއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ، ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެތެރެއަށް ވައްދާލައިގެންނެވެ.
ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް، ފުރަތަމަ ހާފްގައި ވެސް ޓޮޓެންހަމް އިން ތަނަވަސްކުރިއިރު، އެޓީމުގެ ދެވަނަ ގޯލު، މެޗުގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ހެރީ ކޭންއެވެ. މިއީ ކޭން މި ސީޒަނުގައި ކާމިޔާބުކުރި، 28 ވަނަ ގޯލެވެ.
ޔުނައިޓެޑްގެ ހަމައެކަނި ގޯލު، މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، އެޓީމުގެ ކެޕްޓަން ވޭން ރޫނީއެވެ.
ރޭގެ މެޗަށް ނިކުތްއިރު ވެސް، ލީގުގެ ދެވަނަ މަގާމު ޓޮޓެންހަމް އިން ކަށަވަރުކޮށްފައިވާއިރު، ރޭގެ މޮޅާއެކީ އެޓީމަށް ވަނީ، 80 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑް އޮތީ، 65 ޕޮއިންޓާއެކީ ލީގުގެ ހަވަނައިގައެވެ.
"ވައިޓްހާޓް ލޭން" އަށް ޓޮޓެންހަމް އިން އަލްވަދާއު ކިޔާފައިވާއިރު، އެ ސްޓޭޑިއަމްގައި މި ސީޒަނުގައި ކުޅުނު، އެއްވެސް މެޗަކުން ޓޮޓެންހަމް ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ރޭގެ މެޗުން މޮޅުވެ ޓޮޓެނަހަމްއަށް ލީގުގެ ދެވަނަ ކަށަވަރުވެފައިވާއިރު މިފަހަރު އިނގިރޭސި ލީގު ބާކީ ދެމެޗު ކުރިޔައް އޮއްވާ ޗެލްސީން ވަނީ ކަށަވަރުކޮށްފައެވެ.