އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރައިޒިންގ ޕޫނޭ ސްޕަރ ޖަޔަންޓްސް (އާރްޕީއެސް) އާއި ބައްދަލުކުރި މެޗު އެންމެ ލަނޑެއްގެ ތަފާތުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގައި ފުރަތަމަ ކުޅެން އެރީ މުމްބާއީ އިންޑިއަންސްއެވެ. އެޓީމަށް 20 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން 129 ލަނޑު ހަދާފައިވާ އިރު، ފުރަތަމަ 2 އޯވަރުގެ ތެރޭގައި 8 ލަނޑަށް 2 މީހުން ވަނީ ނުބައިވެފައެވެ.
އެހެންކަމުން ގިނަ ބަޔަކު ހީކުރީ އިންޑިއާގެ ކުރީގެ ޤައުމީ ކެޕްޓަން ދޯނީގެ ތަޖުރިބާގައި ކުޅެމުންދިޔަ އާރްޕީއެސް ފަސޭހަކަމާއެކު ޗެމްޕިއަންކަން ހޯދާނެ ކަމަށެވެ. އަދި އެޓީމުން ކުޅެން އަރާ، ދައްކަމުން އައި ކުޅުމުގެ ސަބަބުން އެކަން އިތުރަށް ޔަޤީންވެގެން ދިޔައެވެ.
ނަމަވެސް އާރްޕީއެސްއަށް ހުރަސްތަކާއި ކުރިމަތިވީ ރައިނީ ނުބައިވުމުންނެވެ. އަދި އެއަށްފަހު ފަހަރަކު ވިކެޓެއް ވެއްޓެމުންގޮސް، އެންމެ ނޭވާ ހިފަހައްޓާލަން ޖެހުނީ ޓީމުގެ ކެޕްޓަން ސްޓީވް ސްމިތް 51 ލަނޑަށް ނުބައިވުމުންނެވެ.
ހައިދަރްއާބާދުގެ ރަޖީވްގާނދީ އިންޓަރނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާރްޕީއެސްއަށް ހެދުނީ 128 ލަނޑެވެ.