މެންޗެސްޓަރ ޔުނައިޓެޑުން ފެނުން ގާތް: ގްރީޒްމަން

ކިޔުމަށް ހޭދަވާނީ 1މ 35ސ
މެންޗެސްޓަރ ޔުނައިޓެޑުން ފެނުން ގާތް: ގްރީޒްމަން
އަންނަ ފުޓްބޯޅަ ސީޒަނުގައި އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑުގެ ޖާރޒީގައި ފެނުން އެކަށީގެންވާ ކަމަށް އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ފްރާންސްގެ ޓީވީ ޝޯވއަކަށް ދިން އިންޓަވިއު އެއްގައެވެ. މި އިންޓަވިއުގައި ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ ޓްރާންސްފަރގައި ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުޞަތު ދިހައަކުން ހަ ޕަސެންޓް އޮތް ކަމަށެވެ. އެހެން ނަމަވެސް އަދި ޔުނައިޓެޑަށް ދާކަށް ނުނިންމާ ކަމަށްވެސް ގްރިޒްމަން ބުންޏެވެ.

ފްރާންސްގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ގްރީޒްމަން ބުނީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އޭނާގެ މުސްތަޤްބަލާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.

މިއީ ގްރީޒްމަން ޔުނައިޓެޑުން ފެނިދާނެ ކަމަށް ބުނި ފުރަތަމަ ފަހަރެވެ. ޝޯވގެ ޕްރެސެންޓަރު އެ ސުވާލު އަމާޒްކޮށްލުމުން ގްރީޒްމަން ބުނެފައިވަނީ މިއީ އޭނާ އެގޮތަށް ބުނި ފުރަތަމަ ފަހަރު ކަމަށެވެ.

ގްރީޒްމަންގެ ސޮއި ހޯދުމަށް 100 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމަށް ޔުނައިޓުން އޮތީ ތައްޔާރަށެވެ. އަދި އެކަމުގެ މަޝްވަރާތައް ދެ ކުލަބުގެ މެދުގައިވެސް ކޮންމެވެސް ވަރަކަށް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

ޔުނައިޓެޑަށް ގްރިޒްމަންގެ ސޮއި ހޯދިދާނެ ކަމަށް ބެލެވޭ އަނެއް ސަބަބަކީ އަންނަ ސީޒަނުގައި އެކުލަބަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޮތުމެވެ.

މިރޭ އަޔެކްސްއާ ދެކޮޅަށް ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ނުކުންނަ އިރު އެ މުބާރާތް ކާމިޔާބު ކޮށްފި ނަމަ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެވޭނެއެވެ.

އަނެއްކޮޅުން ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ޔުނައިޓެޑުގައި ހުރުމަކީ ވެސް ގްރީޒްމަން ހޯދުމުގައި އެކުލަބަށް އޮތް އެޑްވާންޓޭޖެކެވެ. އެއީ ޕޮގްބާއާ އެއްކުލަބަކަށް ކުޅެން ބޭނުންވާ ކަމަށް ގްރީޒްމަން ބުނެފައިވާތީއެވެ.
މިއަދު އޮންލައިން