މިރޭ ވޭލްސްގެ ޤައުމީ ސްޓޭޑިއަމް ކަމުގައިވާ ކާރޑިފްގައި ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގް ފައިނަލް މެޗައް މުޅިން ފިޓް ވެފައިވާ ކަމަށް ރިއަލް މެޑްރިޑް ތަރި ގެރެތް ބޭލް ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާ އާ ވާހަކަ ދައްކަމުން ބޭލް ބުނީ އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ބޮޑުބައެއް އޭނާއަށް ގެއްލިފައިވާ ކަމަށާއި އެހެން ކަމުން އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ނުދާކަމަށް ގަބޫލު ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
އެހެން ނަމަވެސް މިހާރު ފިޓުވެ އަލުން ކުޅުމުގެ ތެރެއަށް އާދެވިފައިވާކަމަށާއި މިރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުންމީދު އެބައޮތްކަމަށްވެސް ބޭލް ވަނީ ބުނެފައެވެ.
ބޭލް ބުނީ ސީޒަންގެ ކުރީކޮޅުގައި ރަނގަޅަށް ކުޅެނިކޮށް އަނިޔާ އާއި ކުރިމަތިލާން ޖެހުމަކީ ވަރަށް ދެރަވި ކަމެއް ކަމަށެވެ. އަދި އަނިޔާ އަކީ ފުޓްބޯޅައިގެ ބައެއް ކަމަށާއި މިކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.
"މެޗައް ރެޑީ ވުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިޔަށް އެބަގެންދަން. އެހެން ނަމަވެސް އަދި ޔަޤީނެއް ނޫން 90 މިނެޓް ފުރިހަމަ ކުރެވޭނެ ކަމެއް. އުންމީދޔކުރަނީ މިރޭގެ މެޗުން ކުޅެލަން ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް ލިބޭނެ ކަމަށް. ފުރަތަމަ 11 އިން ނުލިބުނަސް އެންމެ ރަނގަޅު. އެކަން ޤަބޫލު ކުރާނަން" ބޭލް ބުންޏެވެ.
ވޭލްސްގެ ކާޑިފްގައި މިރޭ ކުޅެވޭ ފައިނަލް މެޗުގައި ރެއާލް މެޑްރިޑު ނިކުންނާނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށެވެ.
މި މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން 23:45 ގައެވެ