ރޮނާލްޑޯގެ ދެ ގޯލާއެކު ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފި

ކިޔުމަށް ހޭދަވާނީ 2މ 21ސ
ރޮނާލްޑޯގެ ދެ ގޯލާއެކު ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފި
ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިތްގައިމު ދެ ގޯލާއެކު 1-4 ގެ ނަތީޖާއަކުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ބަލިކުރުމަށްފަހު ޔޫއެފާރ ޗެމްޕިއަންސް ލީގު ތަށި ރެއާލް މެޑްރިޑުން އުފުލާލައިފިއެވެ.

ވޭލްސްގެ ވެރިރަށް ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމްގައި، ރޭ ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅު މޮޅަށް ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ. އެގޮތުން އެޓީމުން ވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެ ދެ ހަމަލާވެސް ރެއާލްގެ ކީޕަރު ކޭލާ ނަވާސް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ރެއާލްއިންނެވެ. ކަވަހާލްގެ އެހީތެރިކަމާއެކު މި ގޯލު މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް އަދި ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޮނާލްޑޯގެ މި ގޯލާއެކު ރެއާލް ލީޑުގައި ވަނިކޮށް މެޗުގެ 27 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ، މެޗުގެ ނަތީޖާ ޔުވެންޓަސްއަށް ހަމަހަމަ ކޮށްދީފައެވެ.

މި ނަތީޖާއާ އެކު ދެ ޓީމުވެސް އެއްވަރެއްގައި އޮވެ، ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން، ރަނގަޅަށް ކުޅެފައިވަނީ ރެއާލްއިންނެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓްގައި، ކަސަމެއިރޯ ވަނީ ހިއްގައިމު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ރެއާލްއަށް ނަގާދީފައެވެ.

އޭނާ މި ގޯލު ކާމިޔާބުކުރީ، ޔުވެންޓަސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ، ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އަދި އޭގެ ތިން މިނެޓްފަހުން، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި، ރޮނާލްޑޯ ވަނީ ގޯލެއް ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. މިރޭގެ މެޗުގައި ކާމިޔާބުކުރި ގޯލުތަކާއެކު، ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި، ގޯލުގެ ޢަދަދު މިހާރު ވަނީ 600 އަށް އަރާފައެވެ.

ދެވަނަ ހާފްގެ ކުޅުން ނިމެން ދަނިކޮށް މެޗުގެ 84 ވަނަ މިނެޓްގައި، ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތްކާޑު ދެއްކީ ސާޖިއޯ ރާމޯސްއަށް ހަމަލާދިނުމާ ގުޅިގެންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ޔުވެންޓަސް އިން ކުޅެން ޖެހުނުއިރު ރެއާލްއިން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންްއެރި މާކޯ އެސެންސިއޯއެވެ.
ރޭގެ މޮޅާއެކު ޗެމްޕިއަންސް ލީގުގެ ތަށި ރެއާލްއިން އުފުލާލިއިރު މިއީ އެ ކްލަބުގެ ތާރީހުގައި، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި، 12 ވަނަ ފަހަރެވެ. މީގެއިތުރުން ރެއާލް ވެގެން ގޮސްފައިވަނީ، ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލު ގެނައިފަހުން، މި މުބާރާތް ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ކްލަބަށެވެ.

ރެއާލް މެޑްރިޑަކީ ލީގު ޗެމްޕިއަނުންވެސް މެއެވެ.
މިއަދު އޮންލައިން