ޕޯޗުގަލްގެ ޒުވާތް ތަރި އަންދްރޭ ސިލްވާ އޭސީ މިލާނަށް

ކިޔުމަށް ހޭދަވާނީ 1މ 10ސ
ޕޯޗުގަލްގެ ޒުވާތް ތަރި އަންދްރޭ ސިލްވާ އޭސީ މިލާނަށް
ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ތަރި އަންދްރޭ ސިލްވާ އިޓަލީގެ އޭސީ މިލާނަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ފޯވާޑް މިލާނަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 33.6 މިލިއަން ޕައުންޑުގެ އަގަކަށެވެ.

މިލާނަށް ބަދަލުވުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ސިލްވާ ބުނީ މިލާނަށް ބަދަލުވުމަކީ އޭނާގެ ކެރިއަރުގައި، ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި، މިލާން ކަހަލަ ޓީމަކާ ގުޅިުމަށް ފުރުސަތު ލިބުމުން އެކަމާ އުފާކުރާ ކަމަށެވެ.

"މިލާނުން އަހަރެންނަށް ފުރުސަތު ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރަން. ކުރިއަށް އޮތްތަނުގައި މިލާނަށް އެހީތެރިވުމުގައި ދެމިހުންނާނަން." ސިލްވާ ބުންޏެވެ.

ޕޯޓޯގެ ކުރީގައި މުހިއްމު ދައުރެއް، އަދާކުރަމުން އައި ސިލްވާ ވަނީ، މިދިޔަ ސީޒަނުގައި އެ ކްލަބަށް 21 ގޯލު ކާމިޔާބުކޮށްދީފައެވެ.

ސިލްވާއަކީ ކުރިއަށް އޮތް ސީޒަނަށް، ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން، މިލާނަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެ ކްލަބުން ވަނީ، އެޓަލާންޓާގެ މިޑްފީލްޑަރު ކެސީ އާއި ވުލްފްސްބާގްގެ ޑިފެންޑަރު، ރިކާޑޯ ރޮޑްރިގޭޒްގެ އިތުރުން، ވިޔަރެއާލްގެ ޑިފެންޑަރު މުސާޗިއޯ ގެނެސްފައެވެ.

އަންނަ ސީޒަނުގައި ރަނގަޅު ކާމިޔާބީއެއް، ހޯދުމަށް މިލާނުން މަސައްކަތް ކުރަމުންދާއިރު، އެ ކްލަބު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ނިންމާލީ، ހަވަނައިގައި އޮވެއެވެ.

މިއަދު އޮންލައިން