ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ ހުނަރުވެރި މިޑްފީލްޑަރު މާކޯ ވެރާޓީ އަންނަ ސީޒަނުގައި ބާސެލޯނާ އިން ފެނުން ގާތް ކަމަށް ވެރާޓީގެ އޭޖެންޓް ޑޮނާޓީ ޑި ކާޕްލީ ބުނެފި އެވެ.
ވެރާޓީގެ އޭޖެންޓް ކާޕްލީ މިހެން ބުނެފައިވަނީ ވެރާޓީ އަންނަ އޭނާގެ މިހާރުގެ ކުލަބު ޕީއެސްޖީ ދޫކޮށްލަން އުޅޭކަމަށް ބުނެފައިވަނިކޮށެވެ.
ވެރާނީ ޕީއެސްޖީ ދޫކޮށްލަން އުޅޭކަމަށް ބުނެފައިވަނީ މިދިޔަ ހަފްތާގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު އެންޓެރޯ ހެންރީކޭއާ އެކު ބޭއްވި ބައްދަލުވުމުގައެވެ. އަދި ޕީއެސްޖީން ބުނެފައިވަނީ ވެރާޓީ ކުލަބު ދޫކޮށްލަން ބޭނުންނަމަ އެކަމަށް އެއްވެސް ހުރަހެއް ނެއްކަމަށްވެސް ބުނެފައެވެ.
ބާސެލޯނާގެ އިތުރުން މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް އިން ވެސް އަންނަނީ ވެރާޓީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ވެރާޓީގެ އޭޖެންޓް ޑިކާޕްލީ ބުނެފައިވަނީ ވެރާޓީ ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ބާސެލޯނާ އިން ކަމަށެވެ.
"ވެރާޓީ ވަނީ ޕީއެސްޖީ ދޫކޮށްލަން ނިންމިކަން އެކުލަބަށް އަންގާފަ. ގިބނަ ކުލަބުތަކަކުން ދަނީ ވެރާޓީއަށް ޝައުގުވެރިކަން ފާޅުކުރަމުން. އެހެން ނަމަވެސް އޭނާ ފެނުން އެންމެ ގާތީ ބާސެލޯނާއިން." ޑިކާޕްލީ ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވެރާޓީ ގަންނަން ބާސެލޯނާ އިން ވަނީ 80 މިލިއަން ޕައުންޑްގެ ބިޑެއް ކުރަން ތައްޔާރުވެފަ އެވެ. އަދި މުސާރައިގެ ގޮތުގައި އަހަރަކު ވެރާޓީ އަށް 10 މިލިއަން ޔޫރޯ ދިނުމަށްވެސް އެ ބިޑުގައި ވާކަމަށް ވެއެވެ.
ބާސެލޯނާގެ އާ ކޯޗު އާނެސްޓޯ ވަލްވޭޑޭ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ވެރާޓީ އަކީ އެންމެ މުހިއްމު ކުޅުންތެރިއާ އެވެ.
އިޓަލީ ގައުމީ ޓީމުގެ ވެސް މުހިއްމު އުމުރުން 23 އަހަރުގެ ވެރާޓީ އަކީ މި ވަގުތު ޔޫރަޕުގައި ކުޅޭ އެންމެ އުއްމީދީ އެއް ކުޅުންތެރިއާއެވެ.
2012 ވަނަ އަހަރު އިޓަލީގެ ޕެސްކާރާއިން ޕީއެސްޖީއަށް ބަދަލުވި ވެރާޓީ ވަނީ ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ.