ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ، އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ގައި ކުޅުންތެރިއެއްގެ ގޮތުގައި އެ ކްލަބުން ފެނިގެންދާނެއެވެ.
ބްރެޒިލްއަށް އުފަން އުމުރުން 37 އަހަރުގެ ރޮނާލްޑީނިއޯ މިފަހަރު ބާސާއިން ފެނިގެންދާނީ ބާސާގެ ލެޖެންޑް ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ގާތްގަނޑަކަށް ނުވަ އަހަރު ފަހުން، ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑީނިއޯ ބާސާއިން ފެނިގެންދާއިރު މިފަހަރު އޭނާ ކުޅޭނީ ޖޫން 30 ވަބނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ޓީމާ ދެކޮޅަށް ކުޅޭ ޗެރިޓީ މެޗުގައެވެ.
މި މެޗު ވެގެން ދާނީ 2008 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ދިޔަ ފަހުން އޭނާ ބާސާގެ ދަނޑުގައި ކުޅޭ ފުރަތަމަ މެޗަށެވެ.
ރޮނާލްޑީނިއޯ ވަނީ މީގެ ކުރިން ބާސާގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ކޭމްޕް ނޫގައި، ކުޅުންތެރިއެއްގެ ގޮތުން ކާމިޔާބު ފަސް އަހަރު ހޭދަކޮށްފައެވެ. އެފަސްއަހަރަކީ ބާސާގެ ފުޓްބޯޅަ ތާރީޚްގައިވެސް އެންމެ ފާހަކޮށްލެވޭ ބޮޑެތި ކާމިޔާބީތަށް ހާސިލްކުިރި ފަސްއަހަރުކަމުގައި ވަނީ ވެފައެވެ. އެގޮތުން މި ކާމިުޔާބީގެ ފަހަތުގައި އެންމެ ބޮޑު އިސްދައުރެއް އަދާކޮސްފައިވަނީ ރޮނާލްޑީނިއޯ އެވެ.
ރޮނާލްޑީނިއޯ ވަނީ، ކެޓަލަން ކްލަބުގައި، 2003 އާއި 2008 އާ ދެމެދު އޭނާ ހޭދަކުރި ދުވަސްތަކުގައި، އެ ކްލަބަށް 207 މެޗު ކުޅެފައެވެ. އަދި އެ މެޗުތަކުން އޭނާ އެ ކްލަބަށް ޖުމުލަ 94 ލަނޑު ކާމިޔާބުކޮށްފައި ވާއިރު، އޭނާ ވަނީ ބާސާއާއެކު 2005-2006 ގެ ޗެމްޕިއަންސް ލީގާއި، ޖެހިޖެހިގެން ދެފަހަރު ސްޕެނިޝް ލީގު ހޯދައިފައެވެ.
ބާސާގެ ލެޖެންޑް ސްކޮޑްގައި ރޮނާލްޑީނިއޯގެ އިތުރުން އެޑްގާ ޑާވިޑްސް އާއި ސިމާއޯ ސަބްރޯސާ . ބެލެއްޓީ ފަދަ ކުޅުންތެރިން ފެނިގެންދާނެއެވެ.
އަދި މީގެއިތުރުން ޖީސަސް އެންގޯއީ، ހުއާން ކާލޯސް، ޖޯޖް ޕޮޕެސޫ، މިގުއެލް އަންހެލް ނަދާލް، ޕެޓްރިކް އެންޑަސަން ފަދަ ކުޅުންތެރީން ވެސް ފެނިގެންދާނެއެވެ.
މެންޔޫ ލެޖެންޑް ސްކޮޑްގައި ހިމެނޭ ކުޅުންތެރީނެގެ ތެރޭގައި، ޖެސްޕާ ބްލޮމްކްވިސްޓް، ކުއިންޓޮން ފޯޗުން، ކަރޭލް ޕޮބޮރްސްކީ، ޑިމިޓަރ ބާބަޓޯފް، ޖީސުން ޕާކް، މިކޭލް ސިލްވަސްޓާ، އަދި ޑްވައިޓް ޔޯކް ފަދަ ކުޅުންތެރީން ހިމެނެއެވެ.
މިމެޗުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ، ބާސެލޯނާގައި ހުންނަ ކުޑަކުދީންގެ ކެންސަރ ސެންޓަރަށެވެ.
ރޮނާލްޑީނިއޯ އަކީ މިހާރުވެސް ބާސެލޯނާގެ އެންބެސެޑަރެއްގެ ގޮތުގައި އެކުލަބުގައި ޖަރަކާތްތެރިވަމުންއަންނަ ފަރާތެކެވެ.