ސްޕެނިޝް ލީގުގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައި އޮތް އެތްލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުގެ އިތުބާރު ފޯވާޑް، ގްރިޒްމަން އާކޮށްފިއެވެ.
ގްރީޒްމަން އެކުލަބުގެ އެއްބަސްވުން އާކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެން ކަމުން އޭނާ އެކުލަބުގައި 2022 ވަނަ އަހަރާއި ހަމައަށް ދެމިހުންނާނެއެވެ.
ގްރީޒްމަން އެތްލެޓިކޯގެ އެއްބަސްވުން އާކޮށްފައި މިވަނީ އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތަށް މީޑިއާގައި ފެތުރިފައިވާ ވަގުތެއްގައެވެ.
އެގޮތުން ގްރިޒްމަން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް، ބަދަލުވާން އުޅޭކަމަށް ވަރަށް ބޮޑަށް ދާދިފަހުން ވަނީ، އަޑު ފެތުރިގެން ގޮސްފައެވެ. އަދި އެ ކްލަބަށް ބަދަލުވާން އުޅޭކަމުގެ، ގިނަ އިޝާރާތްތަކެއް ވެސް، މިދިޔަ މަސްތެރޭ ގްރިޒްމަން ދީފައިވެއެވެ.
ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އާއި ހަމައަށް، އެއްވެސް ކުޅުންތެރިއަކު ނުގެނެވޭ ގޮތަށް، އެތްލެޓިކޯއަށް އަދަބު ދީފައިވުމުން، ގްރިޒްމަން ވަނީ އެތްލެޓިކޯގައި އެންމެފަހުން މަޑުކުރަން ނިންމާފައެވެ. އެތްލެޓިކޯއަށް އެ އަދަބު ދިނީ، 18 އަހަރުން ދަށުގެ ކުޅުންތެރިން ފީފާގެ ގަވައިދުތަކާ ހިލާފަށް، ރަޖިސްޓްރީ ކުރުމުގެ ސަބަބުންނެވެ.
2014 ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑާއި ގުޅުނު ގްރިޒްމަން އަކީ، މިހާރު އެ ކްލަބުގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިއްމު ކުޅުންތެރިއާއެވެ. ގްރިޒްމަން ވަނީ މިދިޔަ ސީޒަނުގައި، އެތްލެޓިކޯއަށް 26 ގޯލު ކާމިޔާބުކޮށްދީފައެވެ.