ގިނަ ވަގުތު ބެންޗު ފަޅުފިލުވަން އިންނަން ޖެހުމުގެ ސަބަބުން ކަމަށް ބުނެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ އެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ހިނގައިދާނެ ކަމުގެ އިޝާރާތެއް މޮރާޓާގެ އޭޖެންޓް ދީފިއެވެ.
މޮރާޓާގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޔުއަންމާ ލޮޕޭޒް ބުނީ މޮރާޓާ ބެންޗުގައި އިންދެ ކެރިއަރު ނިންމާލަން ބޭނުން ނުވާކަމަށާއި އެގޮތަށް ކަންތަށް ވުމުން އިތުރަށް ވިސްނަން ޖެހިފައިވާކަމަށެވެ.
ޔުއަންމާ ލޮޕޭޒް ބުނީ ނިމިގެންދިޔަ ސީޒަނަކީ މޮރާޓާއަށް ކާމިޔާބު ސީޒަނެއް ކަމަށާއި އެހެން ނަމަވެސް އޭނާ އިތުރަށް ކުޅެން ބޭނުންވާ ކަމަށެވެ.
" މިދިޔަ ސީޒަނަކީ ކާމިޔާބު ސީޒަނެއް އެކަމަކު އޭނާ ބޭނުންވޭ އިތުރަށް ކުޅެން،" އޭޖެންޓް ޔުއަންމާ ލޮޕޭޒް ބުންޏެވެ.
ނިމިގެން ދިޔަ ސީޒަނުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން މޮރާޓާއަށް ކުޅެން ލިބިފައިވަނީ ޖުމްލަ 14 މެޗެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ 14މެޗުގައިވެސް މޮޅު ކުޅުމެއްދައްކާ 15 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީޑިއާ ރިޕޯޓްތަށް ބުނާގޮތުން މޮރާޓާ ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދަނީ އިޓަލީގެ އޭސީ މިލާން، އިންގްލެންޑް މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ އިންނެއެވެ. އޭނާ ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ މިލާން ކަމަށާއި އެހެން ނަމަވެސް ރެއާލް މެޑްރިޑުން ކިޔާ އަގުބޮޑުވުމުން މިލާން ފަހަތަށް ޖެހިފައިވާ ކަމަށް ވެސް މި ރިޕޯޓްތައް ބުނެ އެވެ. އަދި ޔުނައިޓެޑާ އެކު މޮރާޓާ މިހާރު އެއްބަސްވުމާއި ހަމައަށް އާދެވިފައިވާ ކަމަށާއި ދެން އޮތީ މެޑްރިޑާ އެކު ޔުނައިޓެޑުން އަގަކާ މެދު އެއްބަސްވުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި މިހާރު އޭނާ ކުލަބު ދޫކޮށްލަން ނިންމާ އެކަން ކުލަބަށް ރަސްމީކޮށް އަންގާފައިވާކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ. މީޑިއާ ރިޕޯޓްތަށް މިހެން ބުނެފައިވީނަމަވެސް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މޮރާޓާ ވާހަކަދައްކަމުން ބުނެފައިވަނީ ބޭނުންވަނީ މެޑްރިޑުގައި މަޑުކުރަން ކަމަށާއި އެކަމަކު ޓްރާންސްފާގެ ކަންކަން ބަރޯސާ ވަނީ އޭނާގެ މައްޗަށް އެކަނި ކަމަށް ނުވާތީ ސީދާ އެއްޗެކޭ ބުނަން ނޭގޭ ކަމަށެވެ.
މޮރާޓާގެ އޭޖެންޓް ޔުއަންމާ ލޮޕޭޒް ބުނީ ވަރަށް އަވަހަށް މޮރާޓާ ގޮތެއް ނިންމާނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތަށް ބުނާގޮތުން މޮރާޓާ ގަތުމަށް އިޓަލީގެ މިލާނާއި ޔުނައިޓެޑުން ހުށައަޅާފައިވަނީ 60 މިލިއަން ޔޫރޯ އެވެ. އެކަމަކު މެޑްރިޑުން ބޭނުންވީ 90 މިލިއަން ޔޫރޯ އަށް ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.
2010 ވަނަ އަހަރު ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ސީނިއާ ޓީމަށް ބަދަލުވި މޮރާޓާ ވަނީ ހަތަރު އަހަރު ދުވަހު އެކުލަބަށް ކުޅެފައެވެ. އޭގެ ފަހުން އޭނާ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވީ 2015 ވަނަ އަހަރުގައެވެ.
ޔުވެންޓަސްގައި އޭނާ ހޭދަކުރި ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު އެނބުރި ރެއާލްއަށް ބަދަލުވީ 2016 ވަނަ އަހަރުގައެވެ.