މުސްލިމުންގެ ޙަރަމްފުޅުތަކަށާއި މިސްކިތްތަކަށް ހަމަލާ ދިނުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ކުރާނީ އިސްލާމް ދީނުގެ ޢަދުއްވުންކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ މުސްލިމުންގެ އެންމެ މުޤައްދިސް ބިނާކަމަށްވާ މައްކާގެ ހަރަމްފުޅަށް ދިނުމަށް ރޭ ބައަކު މަސައްކަތްކުރި ހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވަވާ ކަމަށެވެ. "މިދިއަ އަހަރު މަސައްކަތްކުރީ މަދީނާގެ މަސްޖިދުއްނަބަވީއަށް ހަމަލާދިނުމަށް. އެއީ މުސްލިމުންގެ އެންމެ މުޤައްދިސް ދެވަނަ ބިނާ. މިފަދަ ކަންކަން ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން."
ޑރ. ޝަހީމް ވިދާޅުވީ މިފަދަ އަމަލުތައް ކުރަނީ ހައްދުފަހަނައަޅާފައި ތިބި ޓެރަރިސްޓުން ކަމަށާއި މުސްލިމުންގެ މުޤައްދިސް ބިނާތައް ހިމާޔަތްކުރަން މުސްލިމް އުންމަތުގެ ހުރިހާ ވެރިން ގަދައަޅުއްވައި މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ފާހަގަ ކުރައްވާކަމަށެވެ. މިފަދަ އެއްވެސް ކަމެއްގައި އެއްވެސް މުސްލިމަކު ބައިވެރިނުވުމަށާއި ހިތްވަރުދީ ވާގިވެރި ނުވުމަށް ވެސް ޑރ. ޝަހީމް ވަނީ މުސްލިމުންނަށް ގޮވާލައްވައިފައެވެ.
މުސްލިމުންގެ ހަރަމްފުޅުތަކާއި މުސްލިމުންގެ މުޤައްދިސް ބިނާތައް ހިމާޔަތްކުރެއްވުމަށް ސައުދިއަރަބިޔާއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޑރ. ޝަހީމް ވަނީ ސައުދިއަރަބިޔާގެ ސަރުކާރަށާއި ސަލްމާން ރަސްގެފާނަށް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.