މިހާރު ރަޝިއާގައި ކުރިޔަށްދާ ފީފާ ކޮންފެޑެރޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އާއި މެކްސިކޯ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ.
ނިއު ޒީލެންޑް އަތުން 4-0 އިން ހޯދި މޮޅާ އެކު ކޮންފެޑެރޭޝަން ކަޕްގެ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު މެކްސިކޯ ސެމީފައިނަލުން ޖާގަ ހޯދީ މުބާރާތް ބާއްވާ ޤައުމު ރަޝިއާގެ މައްޗަށް 1-2 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
ރޭ ނިއު ޒީލެންޑު ކޮޅަށް ޕޯޗުގަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ޕެނަލްޓީ އަކީ ޕޯޗުގަލްގެ ޑަނިލޯ ޕެރޭރާއަށް ނިއު ޒީލެންޑް އޭރިއާ ތެރެއިން އެ ޓީމު ކުޅުންތެރިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޕޯޗުގަލްގެ އަނެއް ލަނޑުތައް ޖެހީ ބެނާޑޯ ސިލްވާ އާއި އަންދްރޭ ސިލްވާ އަދި ލުއިސް ނާނީ އެވެ.
މި މެޗުގައި ރޮނާލްޑޯ ޖެހި ގޯލާ އެކު އޭނާ ވަނީ ޤައުމީ ޓީމަށް 75 ލަނޑު ހަމަކޮށްފައެވެ. އަދި އޭނާ ވަނީ ކޮންފެޑެރޭޝަން ކަޕްގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ވެސް މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައެވެ.
މި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ އެންމެ ބޮޑު އަމާޒަކީ ފައިނަލުގައި މޮޅުވެ ތަށި އުފުލާލުން ކަމަށެވެ.
ރޭގެ ކުޅުނު ދެވަނަ މެޗުން މެކްސިކޯ ރަޝިއާގެ މައްޗަށް ކުރިހޯދާފައިވަނީ ރަޝިއާ ލަނޑުޖަހާ ލީޑުނަގާފައި ވަނިކޮށް ފަހަތުން އަރައެވެ. އެގޮތުން އަލެކްސަންޑަރ ސެމެޑޯވް ރަޝިއާއަށް ލީޑުނަގައިދީފައިވަނިކޮށް މެކްސިކޯ އަށް އެއްވަރުކޮށްދިނީ ނެސްޓޯ އަރައުހޯ އެވެ. މެކްސިކޯ މޮޅުކޮށްދިން ލަނޑު ޖެހީ ހުނަރުވެރި މިޑްފީލްޑަރު އާވިން ލޮޒާނޯ އެވެ.
ސެމީ ފައިނަލުގައި ޕޯޗުގަލް އާއި މެކްސިކޯ ކުޅެން ޖެހޭ ޓީމުތައް އެނގޭނީ މިރޭ ކުޅޭ ގްރޫޕް ބީގެ މެޗުތަކަށް ފަހު އެވެ.