އަހަރެން ބޭނުމީ ރެއާލްގައި މަޑުކުރަން: ބޭލް

ކިޔުމަށް ހޭދަވާނީ 1މ 44ސ
އަހަރެން ބޭނުމީ ރެއާލްގައި މަޑުކުރަން: ބޭލް

ވޭލްސްއާއި ރިއާލްގެ މިޑްފީލްޑަރ ގެރެތް ބޭލް އޭނާ މިހާރުވެސް ކުޅެމުންއަންނަ ކުލަބު ރެއާލްގައި މަޑުކުރަން ބޭނުންވާކަން ހާމަކޮށްފިއެވެ.

ބޭލް މިހެން ބުނެފައި މިވަނީ ދާދި ފަހުން މީޑިއާގައި އޭނާ ރެއާލް ދޫކޮށްލަން އުޅޭކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަދި ބޭލް ވަނީ މީޑިއާގައި އޭނާއާއި ބެހޭގޮތުން ދެކެވެމުންދާ ވާހަތަށްވެސް ދޮގުކޮށްފައެވެ.

ޢުމުރުން 27އަހަރުގެ ބޭލް ބުނީ އޭނާ ރެއާލް ގައި ހުރީ ވަރަށް އުފަލުން ކަމަށާއި ރެއާލް އާއި އެކު އިތުރު ޓްރޮފީތަކެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ.

ބޭލް ރިއާލް މެޑްރިޑަށް ބަދަލުވެފައިވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް 2013 ވަނަ އަހަރު އެވެ. އޭނާ ރެއާލް އަށް ބަދަލުވީ އިނގިރޭސި ކުލަބު ޓޮޓެންހަމްއިންނެވެ.
ރިއާލް އާއިއެކު ބޭލް ވަނީ މިހާތަނަށް ތިން ޗެމްޕިއަންސް ލީގް އަދި ދެ ޔުއެފާ ސުޕަކަޕްގެ އިތުރުން ސްޕެނިޝް ލަލީގާ ވެސް ހޯދާފައެވެ.

އިތުރަށް ވާހަކަދައްކަމުން ބޭލް ބުނީ ދުނިޔޭގެ އެންމެ ބޮޑު ކުލަބާއިއެކު ހުރީ ހިތްހަމަޖެހިގެން ކަމަށާއި، ސަޕޯޓަރުންގެ ލޯތްބާއި އިހްތިރާމް އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ބޮޑު ކާމިޔާބެއް ހޯދުމަށް ތައްޔާރަށް ހުރިކަމަށް ވެސް ބޭލް ބުންޏެވެ.

އެހެން ނަމަވެސް މީޑިއާ ރިޕޯޓްތަށް ބުނަގޮތުގައި އަންނަ ޓްރާންސްފާ ބާޒާރުގައި ރިއާލްއަށް މޮނާކޯ ފޯވާޑް އެމްބާޕޭ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމްބާޕޭ ރެއާލްއާއި ގުޅިއްޖެނަމަ ބޭލް ވިއްކަލުމަކީވެސް ދުރުކަމެއް ނޫންކަމަށެވެ.

ޕްރިމިއަރ ލީގުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑާއި ބޭލްގެ ކުރީގެ ކުލަބު ޓޮޓެންހަމުން އޭނާ ހޯދުމަށް މިދިޔަ ސީޒަންގައި ވެސް ވަނީ މަސައްކަތްކޮށްފައެވެ. ރެއާލްއިން ބޭލް ވިއްކާލަން ނިންމައިފިނަމަ އޭނާ ފެނުން އެންމެ ގާތީ މެންޗެސްޓަރ ޔުނައިޓެޑުން ކަމަށް ބެލެވެއެވެ.

އަދި މި ދަނޑިވަޅަކީ ރިއާލްގެ އިތުބާރު ފޯވަޑް ރޮނާލްޑޯވެސް އެކުލަބު ދޫކޮށްލަން އުޅެކަމުގެ އަޑުތަށް ފެތުރިފައިވާ ދުވަސްކޮޅެކެވެ.
މީޑިއާ ބުނާގޮތުން ރޮނާލްޑޯ އަންނަ ސީޒަނުގައި އެހެން ކުލަބަކުން ފެނުންގާތެވެ. އެހެން ނަމަވެސް މިކަމާ އަދި ރޮނާލްޑޯގެ ބަހެއް ނީވެއެވެ.


މިއަދު އޮންލައިން