ދިވެހިންގެ ތެރޭގައި ޒަމާނުންސުރެ މަޤްބޫލުކަން ލިބިފައިވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސިޔަރަތަކީ ވަރަށް މުހިންމު މަސްދަރެއް ކަމަށާއި އެ މަސްދަރު އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ނުވާނެ ކަމަށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ ޙުސައިން ޞަލާޙުއްދީން އެ ފޮތް ލިޔުއްވަވާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި އެފަދަ މަސައްކަތެއް ކުރުމަކީ މިޒަމާނުގައި ކުރެވޭނެ ވަރުގެ މަސައްކަތެއްވެސް ނޫން ކަމަށެވެ.
ޑރ. ޝަހީމް ވަނީ ސިޔަރަތު ވިދާޅުވެފައިވާ ތައުފީޤް ސިޔަރަތު ހުށަހަޅުއްވައި ދެއްވާފައިވާ ފުރިހަމަ ކަމަށްވެސް ތައުރީފް ކުރައްވާފައެވެ. "ހަނގުރާމައިގެ ވާހަކަތައް ގެނެސް ދެއްވާއިރު ހީވަނީ ހަމަ ހަނގުރާމަ ހިނގަމުންދާ މައިދާނުގައި ހުންނަވައިގެން ގެނެސްދެއްވާހެން."
ޑރ. ޝަހީމް ވިދާޅުވީ މިދިއަ ރޯދަ މަހު ގެނެސްދެއްވި "ރަޙްމަތުގެ ނަބިއްޔާ" ޕްރޮގްރާމް ގެނެސްދެއްވީ ވަރަށް ބުރަ މަސައްކަތްޕުޅުން ކަމަށެވެ. އެ ޕްރޮގްރާމަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރްޙީބެއް ލިބިފައިވާތީ މާތް ﷲ އަށް ޙަމްދު ކުރައްވަވާ ކަމަށެވެ.
"އަޅުގަނޑު މި ޕްރޮގްރާމް މިގެނެސްދިނީ ޒަމާނީ ހޯދުންތަކުގެ އަލީގަ. އިތުރު ކަންތައްތަކެއް ހިމަނައިގެން. މިއީ ޒުވާނުންނަށްޓަކައި އަޅުގަނޑު ކުރި މަސައްކަތެއް. މި ޕްރޮގްރާމްތަކުން ވަރަށް ގިނަ އިތުރު މައުލޫމާތު ލިބިގެންދާނެ." ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ދެން ހުށަހަޅުއްވައިދެއްވަން މަސައްކަތްޕުޅު ކުރައްވަވާނީ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ނަބީބޭކަލުންގެ ވާހަކަފުޅުތައް ކަމަށެވެ. އެވާހަކަފުޅުތަކުން ވަރަށް ގިނަ ފިލާވަޅުތައް ލިބިގެންދާނެ ކަމަށެވެ. މިފދަ ޕްރޮގްރާމެއްގެ ސަބަބުން ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މުޅި ކީރިތި ޤްރްއާނަށް ބެލި ނަމަވެސް އެ ފޮތުގައި ހިމެނިފައިވަނީ ތަފާތު ވާހަކަތައް ކަމަށެވެ. އެހެންކަމުން ދީނީ ޢިލްމުވެރިން ދަރުސެއްގެ ތެރެއިން ވިދާޅުވެދެއްވާ މިންވަރުން ނުފުދޭނެ ކަމަށާއި ވަރަށް ގިނަ އިތުރު މައުލޫމާތު ބޭނުންވާނެ ކަމަށެވެ.