ނެމާންޔާ މަޓިޗް މެންޗެސްޓާ ޔުނައިޓެޑާއެކު މެޑިކަލް ހެދުމަށް ތައްޔާރުވަނީ..

ކިޔުމަށް ހޭދަވާނީ 1މ 38ސ
ނެމާންޔާ މަޓިޗް މެންޗެސްޓާ ޔުނައިޓެޑާއެކު މެޑިކަލް ހެދުމަށް ތައްޔާރުވަނީ..
ޗެލްސީއަށް ކުޅެމުން އަންނަ ސަރބިއާގެ ޑިފެންސިވް މިޑްފީލްޑަރ ނެމާންޔާ މަޓިކް މެންޗެސްޓަރ ޔުނައިޓެޑާއެކު މެޑިކަލް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީ މިޑްފީލްޑަރ މަޓިކް ޔުނައިޓެޑަށް ވިއްކާލުމަށް ޗެލްސީން އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާއިރު އޭނާ ވިއްކާލުމަށް އެކުލަބުން އެއްބަސްވެފައިވަނީ 40 މިލިއަން ޕައުންޑަށެވެ.

އެހެން ކަމުން މިވަގުތު ކުރިޔަށް ދަނީ މަޓިޗްގެ ޓްރާންސްފަރގައި ނުނިމިހުރި ބައެއް ކަންކަން ނިންމުމުގެ މަސައްކަތް ކަމަށާއި އެގޮތުން ހުރިހާކަމެއް ނިމި އަންނަ ހަފްތާ ބުދަދުވަހު މަޓިޗްގެ މެޑިކަލް ހެދުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ޢުމުރުން 28 އަހަރުގެ މަޓިޗް އަކީ ޔުނައިޓެޑްގެ މިހާރުގެ ކޯޗު ހޯޒޭ މޮރީނިއޯ ޗެލްސީއަށް އިރުޝާދުދިން އިރު އޭނާ ވަރަށް ހިންހަމަ ޖެހޭ އަދި ގަޔާވާ ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން މަޓިޗް ޔުނައިޓެޑަށް ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއްވެސް ވަނީ މޮރީނިއޯ ކަމުގައި މި ރިޕޯޓްތަށް ބުނެއެވެ.

ބައެއް ރިޕޯޓްތަށް ބުނާގޮތުން މެޓިޗް އަކީ ޔުނައިޓެޑުން އެޓީމުގެ މިޑްފިލްޑަރު މައިކަލް ކެރިކްގެ ބަދަލުގައި އެތަން ފޫބެއްދުމަށް ގެންނަ ކުޅުންތެރިއެކެވެ. އެގޮތުން މިހާރު އުމުރުން 36 އަހަރުގެ ކެރިކް ނެއްތަން ފޫބެއްދުމަށް އެންމެ އެކަށޭނަ ކުޅުންތެރިއަކީ މަޓިޗް ކަމަށް މޮރީނިއޯ ބުނެފައިވާކަމަށްވެސް މި ރިޕޯޓްގައި ވެއެވެ.

މަޓިކް ވަނީ ޗެލްސީއާ އެކު 2015 އަދި 2016 ވަނަ އަހަރު ޗެލްސީއާ އެކު ޕްރިމިއާ ލީގުގެ ތަށި ހޯދާފައެވެ.

2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު މަޓިކް ވަނީ އެޓީމަށް ކުޅުނު 151 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސާބިއާ ގައުމީ ޓީމަށް ވެސް 32 މެޗު ކުޅެފައެވެ.

މަޓިޗް ޔުނައިޓެޑާއި ގުޅިއްޖެނަމަ އޭނާ ވެގެންދާނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އެޓީމަށް ގެނައި ދެވަނަ ކުޅުންތެރިއާއަށެވެ. އެޓީމުން ވަނީ 31 މިލިއަން ޕައުންޑަށް ބެންފީކާ އަށް ކުޅެމުން އައި ވިކްޓާ ލިންޑޯފް ވެސް ގެނެސްފައެވެ.
މިއަދު އޮންލައިން