ކްރިސްޓަލް ޕެލެސްގެ ކޯޗަކަށް ޑިބޯއާ ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ކްރިސްޓަލް ޕެލެސްގެ ކޯޗަކަށް ޑިބޯއާ ހަމަޖައްސައިފި
އިނގިރޭސި ކުލަބު ކްރިސްޓަލް ޕެލެސްގެ އާ ކޯޗަކަށް ނެދަލެންޑްސްގެ ކުރީގެ މަސްހޫރު ކުޅުންތެރިއާ ފްރޭންކް ޑިބޯއާ ހަމަޖައްސައިފިއެވެ.

ޕެލެސް އިން ޑިބޯއާ އެޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ މިދިޔަ ސީޒަންގައި އެ ޓީމު ރެލިގޭޝަނުން ސަލާމަތްކޮށްދިނުމަށް ފަހު، ސޭމް އެލަޑައިސް ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.

އަޔެކްސްއާއި އިޓަލީގެ އިންޓަމިލާނަށްވެސް ކޯޗުކޮށްދީފައިވާ ޑިބޯއާ އަކީ ކޯޗިން ދާއިރާގައި މާ ތަޖުރިބާކާރު އަދި މާކާމިޔަބު ކޯޗެއްނޫނެވެ.

އެހެން ނަމަވެސް މިހާރު އުމުރުން 47 އަހަރުގެ ޑިބޯއާ ވަނީ 2010 އިން 2016 ވަނަ އަހަރާ ހަމައަށް އަޔެކްސްއަށް ކޯޗެއްގެ ގޮތުގައި އިރުޝާދު ދީ އެޓީމަށް ނެދަލޭންޑްސް ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ފަހަރު ހޯދައިދީފައެވެ.

އޭގެ ފަހުން ޑިބޯއާ ވަނީ މިދިޔަ ސީޒަންގައި އިޓަލީގެ އިންޓަމިލާންގެ ކޯޗުކަމުގައިވެސް އިރުޝާދު ދީފައެވެ. އެހެން ނަމަވެސް އޭނާ އިންޓަމިލާންގެ ކޯޗުކަމުގައި މާގިނަދުވަސްތަކެއް ނުވަނީސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ޑިބޯއާ އިންޓަގެ ކޯޗުކަމުގައި ހަވާލުވެ ހުރީ އެންމެ ތިން މަސް ދުވަހުގައެވެ.

ޕެލަސްގެ ޓީމުގެ ކޯޗުކަމާއި ހަވާލުވުމަސްފަހު ވާހަކަ ދައްކަމުން ޑިބޯއާ ބުނީ ޕެލެސްގެ ޓީމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ޓްރާންސްފާގައި ސްކޮޑް އިތުރަށް ވަރުގަދަ ކުރަން ދެ ތިން ކުޅުންތެރިން ބޭނުންވާ ކަމަށެވެ. އަދި އެކަން މެނޭޖްމަންޓަށް އަންގާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

" ޕެލަސްގެ ކޯޗުކަން ލިބުމަކީ ލިބުނު ކުރިއެރުމެއް އަދި ހިންހަމަ ޖެހުމެއް. އެހެން ނަމަވެސް ޕެލްސްގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރަން ދެތިން ކުޅުންތެރިން އެބަބޭނުންވޭ. އެކަން ވާނީ މެނޭޖްމަންޓަށްވެސް އަންގާފަ". ޑިބޯއާ ބުންޏެވެ.

މިއަދު އޮންލައިން