ކޮންފެޑެރޭޝަން ކަޕުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޗިލީ ހިނގައްޖެ

ކިޔުމަށް ހޭދަވާނީ 51ސ
ކޮންފެޑެރޭޝަން ކަޕުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޗިލީ ހިނގައްޖެ
ރަޝިޔާގައި މިހާރު ކުރިއަށްދާ ކޮންފެޑެރޭޝަން ކަޕުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޗިލީ ހިނގައްޖެއެވެ.

ޗިލީ އިން މި ފަޚުރު ހޯދީ ރޭ ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވަރުގަދަ ޕޯޗުގަލް އާއިވާދަކޮށް ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ 90 މިނެޓުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވުމުން ނަތީޖާ ނެރުމަށް ކުޅުނު 30 މިނެޓުގެ އިތުރު ދެހާފުގައިވެސް ލަނޑުބޯޑުން ސުމެއް ކަނޑުވާލެވޭގޮތް ވަނީ ނުވެފައެވެ.

އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީޝޫޓް އައުޓުގައި ޗިލީ އިން ކުރި ހޯދީ އެޓީމުން ޖެހި 3 ޕެނަލްޓީވެސް ކާމިޔާބުކޮށްގެންނެވެ.

ޕޯޗުގަލް އިން ޖެހި 3 ޕެނަލްޓީވެސް ވަނީ ޗިލީގެ ގޯލްކީޕަރ ކްލައުޑިއޯ ބްރާވޯ ވަނީ ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ޕޯޗުގަލްގެ މައްޗަށް ޗިލީ ހޯދި ފުރަތަމަ ކާމިޔާބީއެވެ. އަދި ކޮންފެޑެރޭޝަން ކަޕުގެ ފައިނަލަށް ޗިލީ ދަތުރުކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

ޗިލީ އާއެކު ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗުގައި ޖަރމަން އާއި މެކްސިކޯ ބައްދަލުކުރާ މެޗު ނިމުމުންނެވެ.


މިއަދު އޮންލައިން