ހުރިހާ ހަޤީޤަތްތަކެއް މިދަނީ ހާމަވަމުން- ރައްޔިތުން ގުޅިގެން ސާބިތުވެ ތިބެއްޖެނަމަ ދާދިއަވަހަށް ކާމިޔާބުވާނެ: ޝައިޚް އިމްރާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ހުރިހާ ހަޤީޤަތްތަކެއް މިދަނީ ހާމަވަމުން- ރައްޔިތުން ގުޅިގެން ސާބިތުވެ ތިބެއްޖެނަމަ ދާދިއަވަހަށް ކާމިޔާބުވާނެ: ޝައިޚް އިމްރާން
އަދާލަތު ޕާޓީން ކުރިން ތުހުމަތުކޮށް ދައްކަމުން ގެންދިއަ ހުރިހާ ކަންކަން މިދަނީ ހަޤީޤަތަކަށްވެ ޢާންމުކޮށް ހާމަވަމުން ކަމަށާއި ރައްޔިތުން މިހާރުވެސް ތިބިފަދައިން ސާބިތުކަމާއިއެކު ދެމިތިބެއްޖެނަމަ ދާދި އަވަހަށް ކާމިޔާބު ލިބޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ރަމަޟާން މަހު ޝައިޚް އިމްރާން ގޭބަންދުގައި ބެހެއްޓުމަށްފަހު މިއަދު މެންދުރުފަހު 4:30 ހައިއިރު އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ޖަލަށް ގެންދަން ގެއިން ނެރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޝައިޚް އިމްރާން ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓްގައި ހުންނަވައިގެން މީޑިއާއަށް ބަޔާނެއް ދެއްވައިފައެވެ. މިއީ 1 މޭ 2015 ގައި އެމަނިކުފާނު ހައްޔަރުކުރި ފަހުން މީޑިއާތަކަށް ދެއްވި ފުރަތަމަ ބަޔާނެވެ.

ޝައިޚް އިމްރާން ވިދާޅުވީ ޖަލަށް އެމަނިކުފާނާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމް މިއަދު ބަދަލުކުރަނީ ރާއްޖޭގެ ސިޔާސީ ހާލަތު މިހާރު އޮތްގޮތުން އިތުރަށް ހަމަ އެންމެ ވަގުތު ކޮޅަކުވެސް އެދެބޭފުޅުން ގޭބަންދުގައި ބައިތިއްބަވައިގެން ރައިސް ޢަބްދުﷲ ޔާމީނަށް މަޑުކުރެއްވެވެން ނެތުމުން ކަމަށެވެ.

"އިދިކޮޅު 4 ލީޑަރުން ގުޅިގެން މިކުރާ މަސައްކަތްތަކަށް މިހާރުވަނީ ވަރަށް ބޮޑު ތާއީދެއް ލިބިފަ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ދިވެހި ރައްޔިތުން ތިބީ އަޅުގަނޑުމެން އެންމެންނާ އެކުގަ. އަޅުގަނޑުގެ އެންމެ ބޮޑު އެއް އިލްތިމާސަކީ މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ސާބިތުކަމާއެކު ކުރިއަށް ގެންދެވުން."

ޝައިޚް އިމްރާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށް ވަކިން ހިތްވަރުފުޅު ގަދަކުރެއްވުމަށް ޚާއްޞަކޮށް ގޮވާލައްވައިފައެވެ. "ވަކިން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންގެ ހިތްވަރު ވަރުގަދަ ކުރައްވައި ޕާޓީޓަކުގެ ލީޑަރުންެގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާށޭ."

ޝައިޚް އިމްރާން ވިދާޅުވީ ކިތަންމެ ގިނައިން ޖަލަށް ގެންދިއަ ނަަމަވެސް ހިތްވަރުފުޅު ބަލިނުކުރެވޭނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ ޖަލުގަ ތިބި ނަމަވެސް އަޅުގަނޑުމެންގެ ހިތްވަރެއް ބައްޔެއް ނުވާނެ. ވަރަށް ސާބިތުކަމާއެކު އަޅުގަނޑުމެން ތިބޭނީ. މިދިއަ ދުވަސްތަކުގައިވެސް ދިވެހިރައްޔިތުން ތިއްބެވި ގޮތުގައި ތިއްބެވުމަށް އަޅުގަނޑު އެދެނީ. ހިތްވަރު ގަދަ ކުރައްވާށޭ. އެއިރުން މާތް ﷲ އިރާދަކުރެއްވެވިއްޔާ ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ނަޞްރާއި ކާމިޔާބު ލިބޭނެ."

ޝައިޚް އިމްރާން ވިދާޅުވީ ކަންކަން ހިނގަމުން މިދާ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް މިހާރު އެނގޭކަމަށް ޔަޤީންކުރައްވާ ކަމަށެވެ. "ރޭގަ ލީކުވެގެން ދިއަ ސިޓީއަށް ބަލައިފިނަމަ މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ދައްކަމުން ދިއަ ވާހަކަތައް މިވަނީ ވަރަށް ބޮޑަށް ހާމަވެ ޔަޤީންވެފަ. ރައިސް ޔާމީން ހިންގަވާފައިވާ ބޮޑެތި ޖަރީމާތައް މިދަނީ ރައްޔިތުންނަށް ފަޅާ އަރަމުން. އަޅުގަނޑުމެންނަށް އޮތީ ކެތްކުރުން. މާތްﷲ އިރާދަކުރެއްވިއްޔާ އުފާ ފާޤަތި ދުވަސްތަކެއް ވަރަށް އަވަހަށް އަޅުގަނޑުމެންނާއި ބައްދަލުކުރާނެ." ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.
މިއަދު އޮންލައިން