ރާއްޖޭގެ އެންމެން ތެދުވެ އެމީހުންނަށް ފެންނަމުންދާ ހަޤީޤަތްތަކުގެ ވާހަކަތައް ދައްކަންވީ ވަގުތު މިހާރު މިވަނީ އައިސް ޖެހިފައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިއަދު ވިދާޅުވީ އަދާލަތު ޕާޓީން މި މައްސަލަތައް ފާހަގަކޮށް މަސައްކަތްފެށި ދުވަސްވަރު އެކަންކަން ޤަބޫލުކުރެވިފައި އޮތީ މަދު ބައަކަށް ކަމަށެވެ. އަދި ޤަބޫލުކުރެވުނު މީހުން ވެސް އެކިއެކި ސަބަބުތަކަށްޓަކައި އެވާހަކަތައް ދައްކަން ފަސްޖެހުނު ކަމަށެވެ.
"ކާނަލް ނާޒިމް އެހެރީ ފްރޭމްކޮށްފައިކަން ޤަބޫލު ނުކުރާ އެންމެ ރައްޔިތަކުވެސް މިހާރަކު ނެތް. އެކަން ޤަބުލުނުކުރާ ޤައުމެއްވެސް ނެތް. މިހަޤީޤަތްތަކާއިއެކު ތެދުވީމާ އަނިޔާވެރިންނަށް ޖެހޭނީ ގޮތްދޫކުރަން."
ޝައިޚް އިމްރާން ވިދާޅުވީ ދިވެހި ރައްޔިތުންގެ ކެތްތެރިކަމުގެ ސަބަބުން ރައްޔިތުން އަނިޔާއިން މިންޖުވެ ސަލާމަތްވާނެ ކަމަށެވެ. އޮތީ ކެތްތެރިކަމާއިއެކު ގަދައަޅައި މަސައްކަތްކުރުން ކަމަށެވެ.
ޝައިޚް އިމްރާން ގެކޮޅުން ނުކުމެވަޑައިގަންނަވަމުން ކުރެއްވެވި ވަސިއްޔަތްޕުޅުން:
"ރައްޔިތުން ފިނޑިނުވެ ނުފިލައި ސާބިތުކަމާއެކު ތިބީމަ ﷲ އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ އުފާ ފާޤަތިކަން ގެނެސް ދެވޭނެ. ރައްޔިތުންގެ ކެތްތެރިކަމުން އަޅުގަނޑުމެންނަށް ކާމިޔާބުވާނީ. އަދިވެސް ލީޑަރުންނަށާ ރައްޔިތުންނަށް ދަންނަވަން އޮތީ ސާބިތުކަމާއެކު ތިއްބަވާށޭ. ފިނޑިނުވާށޭ."
2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގެ ތެރެއިން ހިނގި ބައެއް ކަންކަމާއި ގުޅުވައި ޝައިޚް އިމްރާން ހައްޔަރުކުރި ނަމަވެސް ޝައިޚް އިމްރާނުގެ އިސްތަށިފުޅުގައި ގަދަކަމުން ދުރާލައި ރާވައިގެން ކަންތައްތަކެއް އަޅުވާފައިވާކަން ގިނަ ބައަކު ޔަޤީން ކުރެއެވެ.