ޔޫރަޕްގެ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަރުމަނަށް

ކިޔުމަށް ހޭދަވާނީ 1މ 46ސ
ޔޫރަޕްގެ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަރުމަނަށް
ޔޫރަޕްގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަން ހޯދައިފިއެވެ.

ޖަރުމަން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.

ޕޮލެންޑްގައި ކުރިއަށް ދިޔަ މި މުބާރާތުގައި ރޭ ކުޅުނު ފައިނަލު މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ސްޕެއިން އެވެ. ސްޕެއިންގެ ހަމަލާ ތަކުގައި ލީޑް ކުރަމުން ދިޔައީ ޗެމްޕިއަންސް ލީގްގައި ފާހަގަ ކުރެވުނު ތަރަިން ކަމަށްވާ އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޯޒް އާއި ރެއާލް މެޑްރިޑްގެ މާކޯ އެސެންސިއޯގެ އިތުރުން، އިއްޔަ، ބާސާ އަށް އަލުން ބަދަލުވީ ޖަރާޑް ޑެލޯއުފޫގެ އިތުރުން އާސެނަލްގެ ހެކްޓާ ބެލްރިން އެވެ.


އެހެން ނަމަވެސް، ޖަރުމަނުން ވަނީ ފުރަތަމަ ހަފުގައި ސްޕެއިން ތީމުން ރަނގަޅަށް ކުޅެމުން ދަނިކޮށް ކައުންޓާ އެޓޭކްގައި ސްޕެއިންގެ ގޯލަށް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލާފައެވެ.

އެގޮތުން ޖަރުމަނުން މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިފެންޑަރު މިކްޗަލް ވައިޒާ އެވެ. އޭނާ މި ލަނޑު ޖެހީ ޖެރުމީ ޓޮލްޔާން ތަނަވަސް ކޮށްދިން ފުރުސަތެއްގަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ފުރަތަމަ ހާފް ޖަރުމަނުން ލީޑުގައި އޮވެ ނިމުނުއިރު ދެ ވަނަ ހާފު ސްޕެއިންއިން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަމުންގެންދިޔައެވެ. އެހެން ނަމަވެސް އެ ޓީމަށް ޖަރުމަންގެ ގޯލް ފޫއަޅުވާ ނުލެވުނެވެ. މެޗު ނިމިގެން ދިޔައީ މި ނަތީޖާގައި ޖަރުމަން މޮޅުވެގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިންގެ ޑެނީ ސަބާޔޮސް އެވެ. މުބާރާޓުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ސައުލް އެވެ. އޭނާ ވަނީ ފަސް ގޯލް ޖަހާފަ އެވެ.

މިއީ ޖަރުމަން މި މުބާރާތް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މުބާރާތުގެ ތާރީހްގައި އެންމެ ކާމިޔާބު ޓީމަކީ، އިޓަލީ އެވެ. އެޓީމުން ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ސްޕެއިންއަށް ކާމިޔާބު ކުރެވުނީ ހަތަރު ފަހަރު އެވެ.

މިއަދު އޮންލައިން