ކޮންފެޑެރޭޝަންސް ކަޕް ފުރަތަމަ ފަހަރަށް ޖަރުމަނުން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 2މ
ކޮންފެޑެރޭޝަންސް ކަޕް ފުރަތަމަ ފަހަރަށް ޖަރުމަނުން ކާމިޔާބުކޮށްފި
އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޗިލީ އާއިވާދަކޮށް 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ރޭކުޅުނު ފައިނަލް މެޗު ފެށިގެން މޮޅަށް ކުޅެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ޖަރުމަނުގެ ގޯލަށް ފޮނުވާލާފައިވަނީ ޗިލީންނެވެ. އެހެން ނަމަވެސް ޗިލީން ފޮނުވާލި މި ހުރިހާ ހަމަލާއެއްވެސް ޖަރުމަނުގެ ބާސާ ގޯލްކީޕްރު ސްޓޭގަން ވަނީ ސުސިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

ޗިލީން ރަނގަޅަށް ކުޅެ ޖަރުމަނުގެ ފަހަތަށް ބާރު ބޮޑު ކުރަމުން ގެންދަނިކޮށް ޗިލީގެ ޑިފެންޑަރަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގާ މެޗުގެ 20 ވަނަ މިނެޓުގައި ލާސް ސްޓިންޑިލް ވަނީ ޖަރުމަނަށް ހިނުތުންވުން ގެނުވާފައެވެ.

މި ގޯލަށް ފަހު ޖަރުމަނުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި ދެ ފުރުސަތެއް އެޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.

މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ފަހުހާފަށް ކުޅެން ނިކުމެ ޗިލީންގެންދިޔައީ ގޯލެއް ޖެހޭތޯ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަރަށް ރަނގަޅު ފުރުސަތު ތަކެއްވެސް ޗިލީން ވަނީ ތަނަވަސް ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ޗިލީއަށް އެންމެ ރަނގަޅަށް ވަނީ ހިފޭގޮތް ނުވެފައެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވުނީ މެޗުގެ ފަހުވަގުތު ކޮޅުގައި ޖަރުމަނުގެ ގޯލް ކުރިމަތިން ޗިލީއަށް ލިބުނު ހުސް ފުރުސަތެވެ. ޖަރުމަނުގެ ގޯލްކީޕަރުވެސް ނެތި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މިއީ ޖަރުމަނުން މި މުބާރާތުގައި ބައިވެރިވެ މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކޮންފެޑެރޭޝަންސް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު މި މުބާރާތުގައި އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ކުޅެފައެއް ނުވެއެވެ. އެގޮތުން މި މުބާރާތުގައި ޖަރުމަނުން ބައިވެރިކުރީ ވަރަށް ޒުވާން ޓީމެކެވެ.

ރޭގެ މެޗަށްފަހު ވަނީ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިން ވެސް ހޮވާފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަރުމަނުގެ ޖޫލިއަން ޑްރެކްސްލާއެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ޗިލީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯއަށް ލިބުނުއިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ލިބުނީ ޖަރުމަނުގެ ޓިމޯ ވާނާއަށެވެ.

މި މުބާރާތުގެ ރަނަރަޕްގެ މަގާމް ޗިލީއަށް ލިބުނުއިރު މުބާރާތުގެ ތިންވަނަ މަގާމް ލިބުނީ ޕޯޗުގަލް އަށެވެ. ޕޯޗުގަލް މި މުބާރާތުގެ ތިންވަނަ މަގާމު ހޯދީ ތިންވަނަ ހޮވާ މެޗުގައި މެކްސިކޯއާ ދެކޮޅަށް ކުޅެ 1-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ޕޯޗުގަލްވެސް މި މުބާރާތުގައި ކުޅުނު ފުރަތަމަ ފަހަރެވެ.
މިއަދު އޮންލައިން