ދިވެހިރާއްޖެއަށް ކިރިޔާވެސް ސަލާމަތްކަމެއް އޮތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މާތް ﷲ ގަންދީ ކޮށްގެން ތިބި ހުވާމަތީގައި ސާބިތުކަމާއިއެކު ދެމިތިބެގެންކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިކަން ހާމަކުރައްވާފައިވަނީ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ބައްދަލުވުމަށް ފޮނުއްވި ޚިޠާބުގައެވެ.
ޝައިޚް އިމްރާން ގޮވާލައްވާފައިވަނީ އަނިޔާވެރިކަމާއި ދެކޮޅަށް ކުރަންޖެހިފައިވ މަސައްކަތްތަކުގައި ޤައުމުގެ އެންމެހައި ރައްޔިތުން. ޚާއްޞަކޮށް މަޖިލިސް މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށެވެ. ހިތްވަރާއި ސާބިތުކަމާއިއެކު ދެމިތިބުމަށެވެ.
މާތް ﷲ ގެ މަގުގައި ކުރެވެމުން މިއަންނަ މަސައްކަތްތަކުގައި ސާބިތުކަމާއިއެކު ދެމިތިބެއްޖެނަމަ މާތް ﷲ ދާދި އަވަހަށް ދިވެހި އުންމަތަށް ނަޞްރު މިންވަރު ކުރައްވަވާނެ ކަމަށް ޔަޤީން ކުރައްވަވާ ކަމަށްވެސް ޝައިޚް އިމްރާން ވަނީ ވިދާޅުވެފައެވެ. ޝައިޚް އިމްރާންގެ ޚިޠާބު އިއްވެވީ އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު އެވެ.
ޢަލީ ޒާހިރު ވިދާޅުވި ޝައިޚް އިމްރާންގެ ޚިޠާބް:
އައްސަލާމް ޢަލައިކުމް. އަޅުގަނޑު މިދަންނަވާލަނި ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ މި ޖަލްސާއާ މުޚާތަބުކުރައްވާ ދެއްވާ ޚާއްޞަ ޚިތާބު
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين ، نبينا محمد وعلى آله وصحبه أجمعين ، وبعد:
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮންރަބަލް ޤާސިމް އިބްރާހިމް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން، ދިވެހި ލޮބުވެތި ރައްޔިތުން.
އައްސަލާމް ޢަލައިކުމް ވަރަޙްމަތުއްﷲ ވަބަރަކާތު!
އާދެ! މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. މި ހިނދުކޮޅަކީ ނުހަނު އުފާވެރި ހިނދުކޮޅެއް. މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން ގުނަމުން މިގެންދަނީ އަނިޔާވެރިކަމާއި ޚުދުމުޚްތާރުކަމުގައި ހައްދުންނެއްޓި، ފަސާދަވެފައިވާ ވެރިކަމެއްގެ ކިބައިން ދިވެހި ޤައުމު މިންޖުވުމުގެ ވަގުތު. މި ދުވަހަކީ މާތް ﷲ ގެ އިޛުނަފުޅާއެކު ދިވެހި ތާރީޚުގައި އަނެއްކާވެސް ކުލަގަދަކޮށް ލިޔެވިގެންދާނެ ދުވަހެއް.
އާދެ! އަޅުގަނޑުމެން މިފިޔަވަޅުމަތީ ހުއްޓިތިބެ ފަހަތަށްއެނބުރި ބާލާލައިފިނަމަ، 2013 ވަނަ އަހަރު އަޅުގަނޑުމެން ޢަދާލަތު ޕާޓީގެ ބައިވެރިވުމާއި މިންނެތް މަސައްކަތުން ޤާއިމްކުރި ސަރުކާރު، 2015 ވަނަ އަހަރު ފެށުނުއިރު އޮތީ ޚަރާބުގެ މަގަށް މިސްރާބު ބަދަލުވެފަ. އެހިނދުން ފެށިގެން އެކިގޮތްގޮތުން ސަރުކާރުގެ މިސްރާބު ސީދާކުރެވޭތޯ އެތައްގޮތަކުން ގަދައަޅާ އަޅުގަނޑުމެން މަސައްކަތް ކުރިން. އެއިން އެއްވެސް ކަމަކުން އެކަށީގެންވާ އަލިމަގެއް ނުފެނިގެން އުޅެނިކޮށް ދެން ފެށިގެންދިޔައީ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީންގެ އަޑިނޭގޭ އެޖެންޑާ ހިންގުމުގައި ސިޔާސީގޮތުން ގޮންޖެހުމަކަށް ވެދާނެކަމަށް އެމަނިކުފާނަށް ލާފާކުރެވުނު ކޮންމެ ފަރާތެއް ހިފާހައްޔަރުކޮށް، ޙައްޤުނޫން ޙުކުމެއްގައި ބަންދުކުރުމުގެ ސިލްސިލާއެއް ފެށިގެން ދިޔަމަންޒަރު. އާދެ! އެ މަސައްކަތް ފެއްޓެވީ އެމަނިކުފާނުގެ އަމިއްލަފުޅު ކެބިނެޓުން، އަމިއްލަފުޅު ޕާޓީގެ ތެރެއިން. އެއަށްފަހު އެއިރު ސަރުކާރާ ވާދަވެރި ހަމައެކަނި ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އަށް މިސްރާބު ޖެއްސެވި. ރައީސް ނަޝީދު ބަންދުކޮށް ޙުކުމް ކުރެވުނު. އޭގެ ފަހުގައި އޮންރަބަލް ޤާސިމް އިބްރާހީމް ގެ ވިޔަފާރިއާ ދިމަލަށް މިސްރާބު ޖެއްސެވި.
މިކަންކަމުގެ ސީދާ އަސަރު ޢަދާލަތު ޕާޓީއާ ހަމަޔަށް ނުފޯރި ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ކަށަވަރުކުރެވުނީ، ރައީސް ޔާމީނުގެ ފަސާދަ ހުއްޓުވަން ހަލުވިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުން ލަސްކޮށްފިނަމަ، ދިވެހި ޤައުމު މިސްރާބު ހިފާފައި އޮތް މިނިވަން ޖުމްހޫރީވެރިކަމެއްގެ ހިޔާދަށުގައި ދިވެހިން ހޯދަން އެދޭ ހަމަޖެހޭ ސާދާ ދިރިއުޅުމުގެ އަމާޒުގެއްލި، ތަރައްޤީއާއި ތަމައްދުންގެ ރޭހުގައި ދިވެހިރާއްޖެ ފަހަތަޖެހި، ރައްޔިތުންގެ އުންމީދުތައް ވެއްޔާމޮޑެވި، އަދި ވަކިން ޚާއްޞަގޮތެއްގައި އިސްލާމީ ވެރިކަމެއްގެ ހިޔާވަހިކަމުގައި ރައްޔިތުންނަށް ކަށަވަރުވެފައި އޮންނަންވާނޭ ފަރުދީ އަދި އަސާސީ މިނިވަންކަމުގެ އިންތައް ގެއްލި، ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ ގަދަ އަމުރުން ނަހީކުރައްވާފައިވާ އަނިޔާވެރިކަމުގެ ނުތައްކާތެރިން ދިވެހި ދައުލަތުގެ ވެރިކަމުގެ މުޙާވަރާގައި ފެތުރި ޢާންމުވެގެން ހިނގައިދާނެކަން. އެހެންކަމުން އެހިނދުންފެށިގެން، ވޭތުވެދިޔަ ދެއަހަރާބައިގެ މުއްދަތުގައި އަޅުގަނޑުމެން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއެކު ކުރަމުން މިއަންނަ މަސައްކަތަކީ މިދެންނެވި މަގަށް ޤައުމުގެ މިސްރާބު އަލުން އަނބުރާ ބަދަލުކޮށް، ރައްޔިތުންނަށް އުޖާލާ މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމުގެ މުހުންމު މަސައްކަތް. މިއަނދު އަޅުގަނޑު މާތް ﷲ ގެ ކިބަފުޅަށް ޝުކުރުކޮށް ޙަމްދުކުރަނީ ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްވެސް އަޅުގަނޑުމެންނާއެކު މިމަސައްލަތުގައި ބައިވެރިވެވަޑައިގެން، އެބޭފުޅުންނާއެކު ގުޅިގެން މިކުރެވޭ ބުރަމަސައްކަތުގެ ސަބަބުން، މި މަގުގައި އަޅުގަނޑުމެނަށް ބޮޑެތިކުރިއެރުން ތަކެއް ޙާސިލުކުރެވެމުންދާތީ. މިކަން މިގޮތަށް ވުމަކީ އަބަދުވެސް އަޅުގަނޑު އެދެމުންދިޔަ ގޮތްކަން 2015 ވަނަ އަހަރު ކުރީކޮޅު ބައެއް މުނާސަބަތުތަކުގައި އަޅުގަނޑު ފާހަނގަކޮށްފައިވެސް ވާނެ.
އާދެ! މިކަމުގައި އަޅުގަނޑުމެން ދިވެހި ރައްޔިތުން ލައްކަ ހިއްވަރުކޮށްފީމު. އެތައްބަޔަކަށް ޖިސްމާނީގޮތުން އަނިޔާލިބި، ޖަލުގޮޅީގައި ބަންދުވެ، އާއިލާތަކާ ދުރުވެ، އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް ހުއްޓި، އާއިލާތަކަށް އެކި ގޮތްގޮތުން ބޮޑެތި އަސަރުކުރަމުން އެބަދޭ. ބައެއް ބޭފުޅުން ޤައުމުން ބޭރަށް އަރުވާލެވިފައިވާ ހިނދު، ހަމައެކަނި 1 މޭއި 2015 ވަނަ ދުވަހު އަނިޔާވެރިކަމާދެކޮޅަށް އަޅުގަނޑުމެން ކުރި ބޮޑު އިހުތިޖާޖުގައި ހައްޔަރުކުރެވުނު ބައެއް ޢާންމު ރައްޔިތުންގެ މައްޗަށް ބޮޑެތި ނުބައްދަލު ޙުކުމްތައް އިއްވި، އެތައްބައެއްގެ މައްޗަށް ޙުކުމް އިއްވުމުގެ މަރުޙަލާ މިވަގުތުވެސް އެދަނީ ހިނގަމުން. އެ ހުރިހާ ފަރާތްތަކުން އަޅުގަނޑާއި އަދި އަޅުގަނޑާއެކު ތިއްބެވި ޢިއްޒަތްތެރި ލީޑަރުންނަށް ކުރެއްވި އިތުބާރަށްޓަކައި ހިތުގެ އެންމެ ފުންމިނުން މިފުރުޞަތުގައިވެސް ޝުކުރު ދަންނަވަން. އެ ހުރިހާ ކަމެއް އެމަގުން ހިނގަމުންގޮސް، މިއަދު އަޅުގަނޑުމެންނަށް އާދެވިފައިމިވާ ހިސާބުން، ރައްޔިތުން އިތުބާރުކޮށް ޤައުމުގެ ކަންކަން ބަލަހައްޓާ ރައްޔިތުންގެ ފަރާތުން ދައުލަތުގެ އެންމެހައި ކަންކަމާމެދު ފާރަވެރިވާން އިންތިޚާބުކޮށްފައި ތިބި ރައްޔިތުންގެ ޚާދިމުން، އާދެ! ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ވަރަށް ބޮޑުތަނުން އިތުރަށް ހިތްވަރު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމުގައި ދަންނަވަން. ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު މިއަދާހަމަޔަށް ބަދަލުވަމުން އައިސްފާމިވާ ގޮތުން މިވަގުތު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޢިއްޒަތްތެރި މެންބަރަކު ޖެހިލުންވެވަޑައިގަންނަވަން ޖެހޭފަދަ އެއްވެސް ހުރަހެއް ނެތް. ހަމައެހެންމެ ސަރުކާރުގެ ކަރަޕްޝަނާއި ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަމުގެ ތެރެއިން އިތުރަށް ސާފުވާންޖެހޭ އެއްވެސްކަމެއް މިހާރަކު ނެތް.
އެހެންކަމުން ރައްޔިތުންގެ ގޮވާލުމަށް އިޖާބަދެއްވާ ރައްޔިތުންނާއެކު ޤައުމު އަމާން ބަނދަރަކަށް ގެންދެވުމަށްޓަކައި ނިކުންނަވަން ނުޖެހޭ އެއްވެސް ސަބަބެއް މިވަގުތަކު ނެތް. ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އިލްތިމާސްކުރަނީ އެ ބޭފުޅުން މާތް ﷲ ގަންދެއްވާ ކުރެއްވި ހުވަޔާއި އަދި އެހުވަޔާ ވިދެގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޙައިސިއްޔަތުން ކުރައްވާ ކޮންމެ ކަމަކީވެސް އަދި ހަމަ އެޙައިސިއްޔަތުން ނުކޮށް ދޫކޮށްލައްވާ ކޮންމެ ކަމަކީވެސް ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ޙަޟުރަތުގައި އެކަންކަމާމެދު ޖަވާބު ދާރީވާންވާނެ ކަންކަން ކަމުގައި ވާތީ، އެ އިލާހަށް ބިރުވެތިވާ ޙާލު ދިވެހި ރައްޔިތުންގެ ގޮވާލުމަށް އިޖާބަދެއްވާ، ދިވެހި ޤައުމަށް ވެރިވެފައިމިވާ ކަރަޕްޝަނާއި ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަން ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށް. އެއީ ތިޔަ ޢިއްޒަތްތެރި މެންބަރުންގެ އިޚްތިޔާރުގައި އޮތް ނުހަނު ކުޑަކުޑަ ކަމަކުން ޤައުމު ހަމަމަގަށް އެޅުވުމުގެ ފުރުޞަތު ތި ބޭފުޅުންނަށް ފަހިވެފައި އޮތީތީ. އޭގެ ބަދަލުގައި އަމިއްލަ ޟަމީރު ބިރުގެ ކަސްތޮޅުން ބަނދެ، ރައްޔިތުން ޙަވާލުކުރި ބާރުތައް އަޅުވެތިކަމުގެ ހުރަގޭގައި ބަންދުކޮށް، ފިނޑިވެ ފަހަތަށް ޖެހިއްޖެ ނަމަ، ދިވެހި ޤައުމާއި މި ޤައުމުގެ އަންނަން އޮތް ޖީލުތަކާއި އަދި ޚުދު ތިޔަ ޢިއްޒަތްތެރި މެންބަރުންވެސް، ޢާންމުވަމުން މިދާ އަނިޔާވެރިކަމުގެ ޝިކާރަޔަކަށް ނުވެ ނުދާނެ.
ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން ކުރަމުންމިއައި މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކާ ހަމަޔަށް ވާޞިލުވެވިފައި ވީނަމަވެސް، އަދި މިމަސައްކަތަކީ ކިތަންމެ އުނދަގޫ އަދި ބުރަ މަސައްކަތެއްކަމުގައި ވީނަމަވެސް، މިމަސައްކަތުގެ އެންމެ މުހިންމު އަދި އެންމެ ބުރަކަންކަން ކުރިޔަށް އެބަހުރިކަމުގަ. އެކަންކަން ކާމިޔާބުކުރުމަށްޓަކައި ފިސާރި ސާބިތުކަމާއި ކެތްތެރިކަމާއި ހިތްވަރާއި ނުގުޑާފަދަ ޢަޒުމަކީ ކޮންމެހެން މުހިންމު ސިފަތައް. އެހެންކަމުން ހުރިހާ ބޭފުޅުންވެސް މާތް ﷲ ގެ ޙަޟުރަތުން ވާގިއެދިގެން، އެންމެން ގުޅިގެން އެކަތިގަނޑެއްގެގޮތުގައި އެކަންކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް ގޮވާލަން. ޖަލުގޮޅީގައި ބަންދުކޮށްފައިހުއްޓަސް، ގޭގައި ބަންދުކޮށްފައި ހުއްޓަސް އަދި މިނިވަންކަމުގެ ނަސީބު ލިބިފައިވިޔަސް،މާތް ﷲގެ އިޛުނަފުޅާއެކު، އެއިރުވެސް ހުރިފަދައިން އަދި މިހާރުވެސް މިހުންނަ ފަދައިން އަބަދުވެސް އަޅުގަނޑު ދެމިހުންނާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި އަދި ތިޔަ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން.
މާތް ﷲ ގެ އިރާދަފުޅާއި އެ އިލާހުގެ މަތިވެރި ޢިނާޔަތާއެކު އުފާވެރި ދުވަސްތައް ދާދި އަވަހަށް އަޅުގަނޑުމެންނާ ބައްދަލުކޮށްފާނެ.
وَآخِرُ دَعْوَانا أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް.