އެވަރޓަންގެ ފޯވަރޑް ރޮމެލޫ ލުކާކޫ އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް މިހެން ބުނެފައިމިވަނީ ލުކަކޫ ހޯދުމަށް އިނގިރޭސި ޗެމްޕިއަން ޗެލްސީން ވަރުގަދައަށް މަސައްކަތް ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ލޫކާކޫ ގެނައުމަށް ވަނީ 75 މިލިއަން ޕައުންޑްގެ ބިޑެއް އެވަރޓަންއަށް ހުށަހަޅާފައެވެ.
ލުކާކޫ ގެނައުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން ގެންދާއިރު އެ ކުލަބުން ވަނީ ވޭން ރޫނީ އެވަޓަންއަށް ފޮނުވާލަން ނިންމާފައެވެ. އެއާއެކު ޔުނައިޓެޑްގެ ހުށަހެޅުން އެވަޓަންއިން މިހާރު ވަނީ ގަބޫލުކޮށްފައިވާ ކަމަށް މި ރިޕޯޓުތަށް ބުނެއެވެ.
އެހެންކަމުން ޔުނައިޓެޑަށް ބަދަލުވުމަށް ލުކާކޫ ފުރިހަމަ ކުރަން ޖެހޭ މެޑިކަލްވެސް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ޚަބަރު ފަތުރައެވެ. އަދި މިއަދުގެ ވަގުތެއްގައި ލުކަކޫ ޔުނައިޓެޑާއި ގުޅެން ނިންމި ކަން ރަސްމީކޮށް އެކުލަބުން އިއުލާންކުރާނެއެވެ.
މި ރިޕޯޓްތަށް ބުނާގޮތުން ޗެލްސީންވެސް ވަނީ ލުކާކޫ ގެނައުމަށް 75 މިލިއަން ޕައުންޑްގެ ބިޑެއް ހުށަ އަޅާފައެވެ. އެހެން ނަމަވެސް ލުކާކޫގެ އެޖެންޓްގެ ފީ ދައްކަން ޗެލްސީން ދެކޮޅު ހަދުމާއި ގުޅިގެން އެ ބިޑު އެވަޓަންއިން ގަބޫލް ނުކުރީކަމަށްވެސް މި ރިޕޯޓްގައިވެއެވެ.
ލުކާކޫ ވަނީ މިދިޔަ ސީޒަނުގައި އެވަޓަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލުކާކޫ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި އެވަޓަންއަށް 25 ގޯލު ކާމިޔާބުކޮށްދީފައެވެ.
ޔުނައިޓެޑުން މީގެ ކުރިން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ ގެނައުމަށެވެ. އެހެން ނަމަވެސް އެޓީމުން މިހާރުވަނީ އެމަސައްކަތް ހުއްޓާލާފައެވެ. ޔުނައިޓެޑުން މޮރާޓާގެނައުމުގެ މަސައްކަތް ހުއްޓާލީ ރެއާލް މެޑްރިޑުން ކިޔާ އަގު ބޮޑުވުމުންނެވެ.