ރޫނީ އެނބުރި އެވަޓަންއަށް....

ކިޔުމަށް ހޭދަވާނީ 2މ 9ސ
ރޫނީ އެނބުރި އެވަޓަންއަށް....
މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން އަދި ފޯވަރޑް ވޭން ރޫނީ އޭނާގެ ކުރީގެ ކްލަބް އެވަރޓަން އަށް ސޮއިކޮށްފިއެވެ.

ރޫނީ އެވަރޓަން އަށް ސޮއިކުރީ ފްރީ ޓްރާންސްފަރއެއްގައި ދެ އަހަރުގެ އެއްބަސްވުމުގެ ދަށުންނެވެ.

ރޫނީ ހިލޭ އެވަރޓަން އަށް ބަދަލުވީ ޔުނައިޓެޑުން އެވަރޓަން އަށް ކުޅޭ ބެލްޖިއަމްގެ ފޯވަރޑް ރޮމެލޫ ލުކާކޫ 75 މިލިއަން ޕައުންޑަށް ގަތުމުން އެ އެއްބަސްވުމުގެ ތެރެއިންނެވެ.

ނިމިގެން ދިޔަ ސީޒަނުގައި ރޫނީއަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުޞަތު ލިބިފައި ނުވާއިރު ރޫނީ ވަނީ އޭނާއަށް ގަވައިދުން ފުރުޞަތު ލިބޭގޮތަށް ކުޅެން ބޭނުންކަމަށް ބުނެފައެވެ.

އެހެން ކަމުން އެގޮތުގެ މަތިން ރޫނީ އޭނާގެ ކުރީގެ ކުލަބު އެވަރޓަންއަށް ބަދަލުވީ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

އުމުރުން އެންމެ 16 އަހަރުގައި މޮޅު ކުޅުމެއް ދައްކާ އެވަރޓަންގެ ސީނިއަރ ޓީމުން ފުރުޞަތު ހޯދި ރޫނީ އަށް މެންޗެސްޓަރގެ ލޯ އަމާޒުވިވެސް އެކުލަބުންނެވެ.

މިހާރު އުމުރުން 31 އަހަރުގެ ރޫނީ އެވަރޓަން ދޫކޮށް ޔުނައިޓެޑަށް ބަދަލުވީ 2004 ވަނަ އަހަރުގައެވެ. އޭނާ އޭރު ޔުނައިޓެޑަށް ބަދަލުވީ އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި 25.6 މިލިއަން ޕައުންޑަށެވެ.

ޔުނައިޓެޑަށް 13 އަހަރު ކުޅުމަށް ފަހު ޔުނައިޓެޑް ދޫކޮށްލިއިރު ރޫނީ ފާހަގަވެގެން ގޮސްގައިވަނީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާގެ ގޮތުގައެވެ.

އެވަރޓަންއަށް ބަދަލުވުމަށް ފަހު މީޑިއާއަށް ދިން ބަސްދީ ގަތުމެއްގައި ރޫނީ ބުނީ އެވަރޓަންއަށް އަލުން ކުޅެން ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށާއި މީގެ 13 އަހަރު ކުރިން އެވަރޓަން ދޫކޮށްލީ ކާމިޔާބު ހޯދުމަށްކަމަށެވެ.

ރޫނީ ބުނީ އޭނާ ޔުނައިޓެޑާއި އެކު ދުނިޔޭގެ ހުރިހާ ބޮޑެތި މުބާރާތެއް ކާމިޔާބު ކޮށްފިންކަމަށާއި ޔުނައިޓެޑުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރުތަކުގައި އޭނާގެ ހިއްސާ ބޮޑުކަމަށެވެ.
އެހެން ކަމުން އެކަމާ އުފާކުރާ ކަމަށްވެސް ރޫނީ ބުންޏެވެ.

ރޫނީއާއި ބެހޭގޮތުން ވާހަކަދައްކަމުން އެވަޓަންގެ ކޯޗު ކޫމަން ބުނީ ރޫނީ އަކީ ކާމިޔާބު ހޯދާފައި ހުރި އެވަޓަން ދަންނަ ކުޅުންތެރިއެއް ކަމަށާއި މިއީ އެ ކްލަބަށް ހުރިހާ ގޮތަކުން ވެސް ލިބުނު ހިތްވަރެއް ކަމަށެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެވަޓަން އިން ވަނީ ބެލްޖިއަމްގެ ޒުވާން ފޯވާޑް ހެންރީ އޮންޔެކޫރޫ އާއި މަލާގާ އަށް ކުޅޭ ސްޕެއިނުގެ ޒުވާން ޓީމުގެ ފޯވާޑް ސަންޑްރޯ ރަމިރޭޒާއި އަޔެކްސްގެ ކެޕްޓަން ޑޭވީ ކްލާސެން އާއި ބާންލީ އަށް ކުޅޭ އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު މައިކަލް ކީން ގެނެސްފަ އެވެ.

ގަބޫލް ކުރެވޭ ގޮތުން އަންނަ ސީޒަނުގައި އެވަޓަންގެ ކެޕްޓަންކަން ކުރާނީވެސް ރޫނީއެވެ.
މިއަދު އޮންލައިން