ސަންޗޭޒް އާސެނަލްގައި މަޑުކުރާނެ ކަމުގެ އުންމީދު އެބައޮތް: ވެންގަރ

ކިޔުމަށް ހޭދަވާނީ 2މ 11ސ
ސަންޗޭޒް އާސެނަލްގައި މަޑުކުރާނެ ކަމުގެ އުންމީދު އެބައޮތް: ވެންގަރ
އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް އޭނާގެ މިހާރުގެ ކުލަބު އާސެނަލްގައި ގައި މަޑުކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި އާސެނަލްގެ ކޯޗު އާސެން ވެންގަރ ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ ސަންޗޭޒް ޓީމުގައި މަޑުކުރާނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށާއި އެކަން އޭނާއާ ވާހަކަދައްކާލުމުން އެނގުނުކަމަށެވެ.

ވެންގާ ބުނީ ދާދި ފަހުން ސަންޗޭޒްއާއި ވާހަކަދައްކާފައިވާކަމަށާއި އޭނާގެ ވާހަކަތައް ހުރިގޮތުން އާސެނަލްއާއި އެކު އޭނާ އެއްބަސްވުން އާކުރާނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.

" އަހަރެން އޭނާއާ ވާހަކަދެއްކީން. އޭނާގެ ވާހަތައް ހުރިގޮތުން އޭނާ އަދިވެސް އާސެނަލްގައި މަޑުކުރަން ބޭނުންވޭ. އާސެނަލްގެ އެއްބަސްވުންވެސް އޭނާ އާކުރާނެ ކަމަށް ގަބޫލް ކުރެވޭ." ވެންގާ ބުންޏެވެ.

އިތުރަށް ވެންގާ ބުނީ ސަންޗޭޒް މިހާރު ހުރީ ގިނަ މެޗުތަކެއް ކުޅުމަށް ފަހު ވަރުބަލި ފިލުވާލަން ރެސްޓުގައި ކަމަށާއި އެހެން ކަމުން އިތުރަށް ކަންކަން ސާފުވާނީ އޭނާ ޗުއްޓީއަށް ފަހު އެނބުރިއައުމުންކަމުގައެވެ.

"ސީޒަނަށްފަހު އޭނާ ވަނީ އިތުރު ބޮޑު މުބާރާތެއްވެސް ކުޅެފަ. އެހެން ކަމުން މިވަގުތ އޭނާއަށް އެންމެ މުހިންމީ ރެސްޓުކޮށްލުން. އެނބުރި އައިހާއަވަހަކާ އެއްބަސްވުން އާކުރުމާއި މެދު މަސްވަރާކުރާނަން." ވެންގާ ބުންޏެވެ.

ސިޓީގެ އިތުރުން ސަންޗޭޒް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޕްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކް ހިމެނެއެވެ.

ސަންޗޭޒް އާސެނަލްގައި ކުޅުނު ފުރަތަމަ ސީޒަންގައި އޭނާވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 54 މެޗުގައި އޭނާ ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ.

ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮޕަރ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ސްޕެނިޝް ސުޕާކަޕް ދެފަހަރު އަދި ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕެއްވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު އެފްއޭކަޕް ތަށި ދެފަހަރު ކާމިޔާބު ކުރުމުގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ސަންޗޭޒް ހޯދުމަށް މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުންގެންދަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާންމިޔުނިކުންނެވެ. ބަޔާއިން ވަނީ އޭނާ ހޯދުމަށް 68 މިލިއަން ޕައުންޑުގެ ބިޑެއްވެސް އާސެނަލްއަށް ހުށައަޅާފައެވެ.

މިއަދު އޮންލައިން