އިނގިރޭސި ކުލަބު ޓޮޓެންހަމް އަށް ކުޅެމުން އައި ކައިލީ ވޯކާ މެންޗެސްޓަރ ސިޓީ އަށް ސޮއިކޮށްފި އެވެ.
އުމުރުން 27 އަހަރުގެ ވޯކާ ސިޓީއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 45 މިލިއަން ޕައުންޑަށެވެ.
ވޯކާ އަކީ ކުރިޔަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމަށް އެޓީމަށް ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެޓީމަށް ވަނީ ޕޯޗުގަލްގެ ޕްލޭމޭކާ ބެނާޑޯ ސިލްވާ އަދި ބްރެޒިލްގެ ގޯލު ކީޕަރު އެޑަސަންވެސް ގެނެސްފައެވެ.
ސިޓީއަށް ބަދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ވޯކާ ބުނީ އެޓީމު ޖޯޒީގައި ކުޅެން ކެތްމަދުވެފައިހުރި ކަމަށާއި، އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗުކަމަށްވާ ޕެޕް ގާޑިއޯލާގެ އެހީތެރިކަމާއެކު އިތުރަށް ކުރިޔަށް ދިޔުމަށް ބޭނުންވާ ކަމަށެވެ.
2009 ވަނަ އަހަރު ޓޮޓެނަހަމްއާއި ގުޅުނު ވޯކާ ވަނީ އެ ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ޖުމްލަ 228 މެޗު ކުޅެދީފައެވެ. އަދި ހަތަރު ލަނޑު ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްގައި ހުރެ ޝެފިލްޑް ޔުނައިޓެޑް، ކުއީންސް ޕާކް ރޭންޖާސް އަދި އެސްޓަން ވިލާ އަށް ލޯން އެއްބަސްވުމެއްގެ ދަށުންވެސް ކުޅެފައެވެ.
އިންގްލޭންޑް ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކައިލީ ވޯކާ ވަނީ 2011 ވަނަ އަހަރު އޮތް ޔުއެފާ ޔޫރޯގެ ޓީމް އޮފް ދަ ޓޯނަމަންޓްގައިވެސް ހިމެނިފައެވެ. މީގެއިތުރުން އޭނާ ވަނީ ޕީއެފްއޭގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް އެއަހަރު ހޯދާފައެވެ.
ކައިލީ ސިޓީއަށް ސޮއިކޮށްފައިވާއިރު އޭނާ ހޯދުމަށް ވެސްޓްހަމް އަދި އެވަޓަންއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ބޮޑު ކުލަބަކަށް ކުޅެން ބޭނުންވާތީ އޭނާ ސޮއިކުރީ ސިޓީއަށެވެ.