ޔުވެންޓަސްއަށް ކުޅެމުން އައި އިޓަލީގެ އިތުބާރު ޑިފެންޑަރު، ލިއަނާޑޯ ބޮނޫޗީ އޭސީ މިލާނަށް ސޮއިކޮށްފިއެވެ.
ތަޖުރިބާކާރު ޑިފެންޑަރ ބޮނޫޗީ މިލާނަށް ސޮއިކުރީ ފަސްއަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން 40 މިލިއަން ޔޫރޯއަށެވެ.
އުމުރުން 30 އަހަރުގެ ބޮނޫޗީ މިލާނަށް ސޮއިކުރުމާއި އެކު އޭނާއަށް މިހާރުވަނީ އެޓީމުގެ ކެޕްޓަން ބޭންޑުވެސް ހަވާލުކުރުމަށް ނިންމާފައެވެ. ދިގު މުއްދަތަކަށް ފަހު ބޮނޫޗީ ޔުވެންޓަސް ދޫކޮށް މިލާނަށް ބަދަލުވެފައިވާއިރު އޭނާ ކުލަބު ދޫކޮށް ދިޔައީ އާ ޗެލެންޖަކާއި ކުރިމަތި ލުމަށް ކަމަށް މީޑިއާރިޕޯޓްތަށް ބުނެއެވެ. އެހެން ނަމަވެސް ބައެއް ރިޕޯޓްތަށް ބުނާގޮތުން ބޮނޫޗީ މިލާން ދޫކޮށްލީ ޔުވެންޓަސްގެ ކޯޗާ ދެމެދު ކޮންމެވެސް ވަރެއްގެ ހިންހަމަ ނުޖެހުންތަކެއް ކުރިމަތިވެގެންނެވެ.
ބޮނޫޗީ މިލާނަށް ސޮއިކުރީ ބާސެލޯނާ އާއި ޗެލްސީންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. މީގެ އިތުރުން މެންޗެސްޓަރ ސިޓީންވެސް ވަނީ ބޮނޫޗީ އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
2010 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ބޮނޫޗީ އަކީ، ފާއިތުވި އަހަރުތަކުގައި އެ ކްލަބުގެ ޑިފެންސްލައިންގައި، ވަރަށް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ކްލަބާއެކު، އިޓާލިއަން ލީގު ހަ ފަހަރު އަދި އިޓާލިއަން ކަޕް، ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.
ނިމިގެން ދިޔަ ސީޒަނުގެ ހަވަނާގައި އޮވެ ލީގު ނިންމާލި މިލާނުން ބޮނޫޗީގެ ސޮއި ހޯދާފައިވާއިރު މީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މިލާނުން އެޓީމަށް ގެނައި އަށްވަނަ ކުޅުންތެރިއާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ބޮނޫޗީއަކީ އިޓަލީ ގައުމީޓީމުގެވެސް ފަހަތް ބަލަހައްޓާ ކުޅުންތެރިއާއެވެ.