ޕޯޗުގީޒް ޗެމްޕިއަން ބެންފީކާއަށް ކުޅެމުން އައި ޕޯޗުގަލްގެ އުންމީދީ ޒުވާން ޑިފެންޑަރު ނެލްސަން ސެމެޑޯ ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.
ޒުވާން ޑިފެންޑަރ ނެލްސަން ސެމެޑޯ ބާސާއާއި ގުޅުނީ ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން 30.8 މިލިއަން ޕައުންޑުގެ އަގަކަށެވެ.
އުމުރުން 23 އަހަރުގެ ސެމެޑޯގެ ޓްރާންސްފާއާ ގުޅޭގޮތުން ބާސާ އާއި ބެންފީކާއާ ދެމެދު އިއްޔެގެ ވަގުތެއްގައި އެއްބަސްވުމަކަށް އައިސް ސޮއިކޮށްފައިވާއިރު ބާސާއަށް ބަދަލުވުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ މެޑިކަލް ވެސް މިހާރު ހަދާފައިވާކަމަށް އެ ކްލަބުން ހާމަކުރެއެވެ.
ޕޯޗުގަލްގެ ގައުމީ ޓީމުން އެންމެ ފަހުން ރަޝިއާގައި ކުޅުނު ފީފާ ކޮންފެޑެރޭޝަން ކަޕުން ވިދާލި ސެމެޑޯ ވަނީ މިދިޔަ ސީޒަނުގައި ބެންފީކާގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. 2012 ވަނަ އަހަރު ބެންފީކާއާ ގުޅުނު ސެމެޑޯ ވަނީ އެ ކްލަބަށް 43 މެޗު ކުޅެދީ 2 ގޯލްވެސް ޖަހާފައެވެ.
ސެމެޑޯގެ ސޮއި ބާސާއިން ހޯދީ އާސެނަލްއަށް ކުޅެމުން އަންނަ ހެކްޓަ ބެލެރިން ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
ސެމެޑޯ ބާސާއަށް ބަދަލުވާއިރު އެ ކްލަބުން ވަނީ އެވަޓަންގެ ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި އޭސީ މިލާނަށް ކުޅުނު ޒުވާން ވިންގާ ޖެރާޑް ޑެލޮފެއޫ އަލުން އަނބުރާ ޓީމަށް ގެނެސްފައެވެ.
ސެމެޑޯ ބާސެލޯނާއަށް ސޮއިކުރިއިރު އޭނާ ހޯދުމަށް ޔުނައިޓެޑުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.