ޑްރަގުން ސަލާމަތްވުމަށް އެންމެ މުހިންމީ އިސްލާމީ ތަރުބިއްޔަތު: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޑްރަގުން ސަލާމަތްވުމަށް އެންމެ މުހިންމީ އިސްލާމީ ތަރުބިއްޔަތު: ޑރ. ޝަހީމް
ޑްރަގުގެ ވަބާއިން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި އެންމެ މުހިންމީ ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުން ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑްރަގުގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޤައުމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ބައެއް ފަރާތްތަކުން އިސްލާމީ ތަރުބިއްޔަތު މާނަކުރަނީ ހަރުކަށި ފިކުރަށް ދިއުން ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ތަރުބިއްޔަތަކީ ކުދިންގެ އުމުރާއި ގުޅޭގޮތުން ހެޔޮ ނުބައި ކުދިންނަށް ދަސްކޮށްދިނުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ އެންމެ ފުރަތަމަ އުފުލަންޖެހޭ ފަރާތްތަކަކީ މައިންބަފައިންނާއި މުދައްރިސުންނާއި ތައުލީމީ މަންހަޖު ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ މީހަކަށް ކުށެއް ކުރެވިފައިވީނަމަވެސް އެމީހަކު ތައުބާވެ އިޞްލާޙްވެއްޖެނަމަ އެމީހަކު ބަލައިގަންނަން ޖެހޭނެ ކަމަށާއި އިސްލާމް ދީނުގައި ވަނީ އެފަދަ މީހުންނަށް ފުރުޞަތު ދިނުމަށް ކަމަށެވެ. ފުރުޞަތު ދިނުމުން އެފަދަ މީހުންނަކީ ވަރަށް ރަނގަޅު ބައެއްގެ ގޮތުގައި ފެނިގެން ދިއުމުގެ ފުރުޞަތުވެސް އެބައޮތް ކަމަށެވެ.

އެކަމުގެ ހެކި ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހައްދުފަހަނައަޅައި ދިއަ ބައެއް ޒުވާނުން އިޞްލާޙްވެ މިސްކިތްތަކުގެ ކުރީ ސަފުން މިހާރު ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ ޒުވާނުން ބަލައިގަންނަން ޖެހޭނެ ކަމަށާއި އެފަދަ ޒުވާނުންނަށް ހިތްވަރުދޭންވެސް ޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން