އެމްޕީ ފަލާހަށް ރިޝްވަތުހުށަހެޅި މައްސަލަ އޭސީސީން ބަލަންފަށައިފި
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހަށް ރިޝްވަތުގެ ހުށަހެޅި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަންފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޝަނުން އެމައްސަލަ ބަލަނީ އަމިއްލައަށް އިސްނަގައިގެން ކަމަށެވެ. ނަމަވެސް މިކަމާއިގުޅޭ އިތުރު ތަފްޞީލު ވަނީލިބޭގޮތް ނުވެފައެވެ.
ޕީޕީއެމް އާއި އެމްޑީއޭ ޕީޖީ ގްރޫޕުން މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހާ ދެކޮޅަށްހުށަހާޅާފައިވާއިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމަށް އިދިކޮޅުފަރާތްތަކުން އޭނާއަށް 32މިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ.
އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށް އެދުވަހުގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވިނަމަވެސް އެ ވާހަކަ ފުލުހުންނާއި އޭސީސީން ވަނީ ދޮގުކޮށްފައެވެ. ދެމުއައްސަސާ އިންވެސް ބުނެފައި ވަނީ ފަލާހު ހުށަހަޅުއްވައިގެން ރިޝްވަތުގެމައްސަލައެއް ބަލަމުން ނުދާ ކަމަށެވެ.