މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންއަންނަ އާޖެންޓީނާގެ ގައުމީތީމުގެ ގޯލް ކީޕަރު ސާޖިއޯ ރޮމޭރޯ ޔުނައިޓެޑާއެކު އާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރޮމޭރޯ މިފަހަރުގެ އެއްބަސްވުން އާކުރީ އިތުރު 4 އަހަރު ޔުނައިޓެޑުގައި މަޑުކުރުމަށެވެ. އެގޮތުން އޭނާގެ މި އާ އެއްބަސްވުމާއި އެކު 2021 ވަނަ އަހަރާއި ހަމައަށް އޭނާ އެ ކުލަބުގައި މަޑުކުރާނެއެވެ.
އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރޮމޭރޯ ބުނީ އެއްބަސްވުން އާކުރެވުމުން އެކަމާ އުފާކުރާ ކަމަށާއި، އެއީ އޭނާ ބޭނުންވި ގޮތްކަމަށެވެ.
"ޔުނައިޓެޑުން އަހަރެންނަށް އެއްބަސްވުން އާކުރަން ފުރުސަތު ދިނީތީ އުފާކުރަން އަދި ޝުކުރުވެރިވެސް ވަން. ޔުނައިޓެޑުގައި މަޑުކުރުމަކީ އަހަރެން ބޭނުންވިވެސް ގޮތް." ރޮމޭރޯ ބުންޏެވެ.
އިތުރަށް ވާހަކަދައްކަމުން ރޮމޭރޯ ބުނީ ޔުނައިޓެޑުގައި މަޑުކުރަން ފުރުސަތު ލިބުމުން މިދިޔަ ސީޒަނަށް ވުރެ ބޮޑަށް މި ސީޒަނުގައި އިތުރު ކާމިޔާބީތައް ޔުނައިޓެޑަށް ހޯދައިދޭން މަސައްކަތް ކުރާނެކަމަށް ވެސް ރޮމޭރޯ ވަނީ ބުނެފައެވެ.
ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާ އުމުރުން 26 އަހަރުގެ ރޮމޭރޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅެފައި ވަނީ ޖުމްލަ 18 މެޗެވެ. އޭގެ ތެރެއިން ޕްރިމިއާ ލީގުގައި އޭނާ ކުޅުނީ އެންމެ ދެ މެޗެވެ.
ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ ރޮމޭރޯއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ސަބަބުން މިދިޔަ ސީޒަނުގައި އެޓީމަށް ރަނގަޅު ކާމިބީތައް ވެސް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ ޓީމުގައި ހުރުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމުގައި މޮރީނިއޯ ބުންޏެވެ.
2015 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ރޮމޭރޯ ވަނީ މިހާތަނަށް އެކުލަބަށް ޖުމްލަ 28 މެޗެއް ކުޅެދީފައެވެ.
އަދި ޔުނައިޓެޑާއެކު ރޮމޭރޯ ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާއިރު އޭގެ ތެރޭގައި އެފްއޭކަޕް، އެފިލް ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ހިމެނެއެވެ.