ޖޯ ހާޓް ވެސްޓްހަމް އަށް ސޮއިކޮށްފި
މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ތަޖުރިބާކާރު ގޯލްކީޕަރު ޖޯ ހާޓް ވެސްޓްހަމް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ޖޯ ހާޓް ވެސްޓްހަމްއަށް ސޮއިކުރީ ލޯން އެއްބަސްވުމުގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ.
މއީ ހާޓް ލޯނުއެއްބަސްވުމުގެ ދަށުން ކުޅޭ ދެވަނަ ކުލަބެވެ. މީގެ ކުރިން ނިމިގެން ދިޔަ ސީޒަނުގައި ހާޓް ވަނީ ލޯނުއެއްބަސްވުނުގެ ދަށުން އިޓަލީގެ ޓޮރީނޯއަށް ކުޅެފައެވެ.
ހާޓް ލޯނުއެއްބަސްވުމެއްގެ ދަށުން ކުޅުމަށް ދެވަނަ ކުލަބަކާއެކު ސޮއިކުރިއިރު އޭނާ އަށް ވަނީ ސިޓީގެ ފުރަތަމަ އެގާރައިން ޖާގަގެއްލިފައެވެ. މީގެ ކުރިން ސިޓީގެ ކޯޗުކަމުގައި ހުރި މަންޗީނީ ގެ އިރުޝާދުގެ ދަށުން ހާޓް ފުލް އެގާރައިގައި ހިމެނުނުނަމަވެސް ޕެޕް ގާޑިއޯލާ ޓީމާއި ހަވާލުވި ފަހުން އޭނާއަށް ވަނީ ފުރުސަތު ގެއްލިފައެވެ.
އެގޮތުން ހާޓް ދެން އަނބުރާ ސިޓީއަށް ނުގެނައުމުގެ ވިސްނުން ވެސް ގާޑިއޯލާ ގެންގުޅޭކަމުގައި ރިޕޯޓްތަށް ވަނީ ބުނެފައެވެ.
ވެސްޓްހަމްއަށް ބަދަލުވުމަށްފަހު މީޑިއާއާއި ވާހަކަދައްކަމުން ހާޓް ބުނީ ފުރަތަމައެގާރައިގައި ހިމެނިގެން ގަވާއިދުން ކުޅުމަކީ އޭނާ ބޭނުން ކަމެއްކަމަށެވެ. އަދި އެއީ އޭނާއަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި އެނބުރި ޕްރިމިއަރ ލީގަށް އާދެވުމުން އެކަމާ އުފާކުރާ ކަމަށެވެ.
އުމުރުން 30 އަހަރުގެ ހާޓް ވަނީ ސިޓީގައި ހޭދަކުރި މުއްދަތުގައި އެ ކްލަބަށް 300 އަށްވުރެ ގިނަ މެޗު ކުޅެދީ ޕްރިމިއަރ ލީގު ދެ ފަހަރު އަދި އެފްއޭކަޕަކާއި އިނގިރޭސި ލީގު ކަޕެއް ހޯދާފައެވެ.
ހާޓް ވެގެން ގޮސްފައިވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ވެސްޓްހަމްއަށް ގެނައި ދެވަނަ ކުޅުންތެރިއާއަށެވެ. އެގޮތުން ވެސްޓްހަމްއަށް މީގެކުރިން ގެނެސްފައިވަނީ ސިޓީއަށް ކުރިން ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ޕަބްލޯ ޒަބަލެޓާއެވެ.
މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ފޯވާޑް ހާވިއޭ ހަނާންޑޭޒް ދާދި އަވަހަށް ވެސްޓްހަމްއާއި ގުޅޭނެކަމަށް ރިޕޯޓްތަށް ބުނެއެވެ.