މޮރާޓާ އެންމެފަހުން ޗެލްސީއަށް

ކިޔުމަށް ހޭދަވާނީ 2މ 5ސ
މޮރާޓާ އެންމެފަހުން ޗެލްސީއަށް

ރެއާލް މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ ޒުވާން ފޯވާޑް، އަލްވާރޯ މޮރާޓާ ޗެލްސީއަށް ބަދަލުވެއްޖެއެވެ.

މޮރާޓާ އިނގިރޭސި ޗެމްޕިއަން ޗެލްސީއަށް ބަދަލުވީ ރެކޯޑް އަގެއްކަމުގައިވާ 70 މިލިއަން ޕައުންޑަށް ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިއާއެކު މޮރާޓާ ވެގެން ގޮސްފައިވަނީ، ޗެލްސީގެ އެންމެ އަގުބޮޑު ކުޅުންތެރިއާއަށެވެ. މީގެ ކުރިން ޗެލްސީގެ އެ މަގާމުގައި ހުރީ ފެނާންޑޯ ޓޮރޭސްއެވެ. ޓޮރޭސް ޗެލްސީއަށް ބަދަލުވެފައިވަނީ 50 މިލިއަން ޕައުންޑަށެވެ.

މިވަގުތު ރެއާލް މެޑްރިޑާއި އެކު އެމެރިކާގައި ހުރި މޮރާޓާ ޗެލްސީގެ މެޑިކަލް ފުރިހަމަ ކުރުމަށާއި، އަދި އެ ކްލަބުގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް، މިރޭގެ ވަގުތެއްގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދާނެއެވެ. އެއަށްފަހު ޗެލްސީގެ ޕްރީ ސީޒަން ޓުއާގައި ބައިވެރިވުމަށް، މޮރާޓާ ޗައިނާއަށް ފުރާނެ ކަމަށްވެސް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

މޮރާޓާ ރެކޯޑް އަގަކަށް ޗެލްސީއަށް ބަދަލުވުމަށް ނިންމާފައިވާއިރު އޭނާ ހޯދުމަށް މީގެކުރިން އެންމެ ބޮޑަށް މަސައްކަތް ކުރީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެހެން ނަމަވެސް ޔުނައިޓެޑަށް މޮރާޓާ ގެނެވޭ ގޮތް ނުވީ، ރެއާލްއާލުން ކިޔާ އަގު ބޮޑުވުމުންނެވެ.އެހެން ކަމުން ޔުނައިޓެޑުން މޮރާޓާ ގެނައުމުގެ މަސައްކަތް ހުއްޓާލުމަށްފަހު އެޓީމުން ވަނީ ރޮމެލޫ ލުކާކޫ، އެ ކްލަބަށް ގެންގޮސްފައެވެ.

ނިމިގެން ދިޔަ ސީޒަނުގައި ރެއާލްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބިގެން ގޮސްފައި ނުވާއިރު ކުޅުމުގެ މޮރާޓާއަށް ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ރެއާލް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބުނެފައެވެ.

އެހެން ކަމުން ފުރަތަމަ އެގާރައިގައި ހިމެނިގެން މޮރާޓާ ކުޅުމުގެ ބޭނުމުގައި ޗެލްސީއަށް ބަދަލުވިއިރު އިޓަލީގެ މިލާނުންވެސް މޮރާޓާ ގެންދިއުމާއި ގާތަށް ޖެހިލިއެވެ. އެހެން ނަމަވެސް ފަހުވަގުތު އެކަން ބަދަލުވެ މޮރާޓާ ބޭނުންވީ ޗެލްސީއަށް ބަދަލުވާށެވެ.

އެންމެ ފަހުން ނިމިގެން ދިޔަ ސީޒަނުގައި 38 މެޗު ކުޅުނު އިރު ފުރަތަމަ އެގާރައިގައި ހިމެނިގެން މޮރާޓާއަށް ކުޅުމުގެ ފުރުސަތު ލިބުނީ 14 މެޗުގައެވެ.

އަންނަ ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގިން ކުޅުންތެރިންތަކެއް ޓީމަށް ގެންނަން ޓާގެޓް ހިފާފައިވާއިރު މޮރާޓާގެ އިތުރުން އެޓީމަށް ވަނީ މޮނާކޯއަށް ކުޅެމުން އައި މިޑްފީލްޑަރު ޓިއެމޫ ބަކަޔޯކޯ އާއި ރޯމާއަށް ކުޅެމުން އައި ޑިފެންޑަރު، އެންޓޯނިއޯ ރުޑިގާ އާއި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ގޯލްކީޕަރު، ވިލީ ކަބަލޭރޯވެސް ގެނެސްފައެވެ.
ޗެލްސީން އަދިވެސް އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތަށް ބުނެއެވެ.

މިއަދު އޮންލައިން