ޔުނައިޓެޑުގައި ދިގު މުއްދަތަކަށް ހުންނަން ބޭނުން: މޮރީނިއޯ

ކިޔުމަށް ހޭދަވާނީ 2މ 13ސ
ޔުނައިޓެޑުގައި ދިގު މުއްދަތަކަށް ހުންނަން ބޭނުން: މޮރީނިއޯ

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ދެމިހުންނަން ބޭނުންވާ ކަމަށް މިހާރުވެސް އެޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނީ ޔުނައިޓެޑަކީ އިނގިރޭސި ވިލާތުގައި އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ބެލެވޭ ކުލަބު ކަމަށާއި ގިނަ ކާމިޔާބީތަކެއް ކުލަބާއި އެކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ކުލަބުގައި ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންކަމުގައި އޭނާ ބުންޏެވެ.

މީގެ ކުރިން ޔުނައިޓެޑުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވަނީ އެލެކްސް ފާގަސަންއެވެ. އޭނާ ޔުނައިޓެޑުގައި 26 އަހަރު ހޭދަކުރިއިރު ގިނަ ކާމިޔާބީތަކެއްވެސް ވަނީ ޔުނައިޓެޑަށް ހޯދަދީފައެވެ. އެލެކްސް ފާގަސަން އަމިއްލަ އަށް ވަކިވިފަހުން އެޓީމާއި ހަވާލުވި އެއްވެސް ކޯޗަކަށް މާގިނަ ދުވަހު ހުރެވޭގޮތް ވަނީ ނުވެފައެވެ.

އެގޮތުން ދެން ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވީ ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލް އެވެ. މޮއިސް ހަތް މަހުގެ ތެރޭގައި މަގާމުން ވަކިކުރިއިރު، ވެން ހާލަށް އަށް ހުރެވުނީ އެންމެ ދެ ސީޒަނުގަ އެވެ.
މޮރީނިއޯ އަކީ ވެންހާލަށް ފަހު ޔުނައިޓެޑާއި ހަވާލުވި ކޯޗެވެ. އޭނާ ވަނީ މިދިޔަ އަހަރު ޔުނައިޓެޑާ ހަވާލުވެ ފުރަތަމަ ސީޒަނުގައި އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ.

އީއެސްޕީއެން އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ ހުރީ ޔުނައިޓެޑުގައި ކުރިޔަށް އޮތް 15 އަހަރު ދުވަހަށްވެސް މަޑުކުރަން ތައްޔާރަށް ކަމަށާއި މަޑު ނުކުރެވެންވީ ސަބަބެއް ނެއްކަމަށެވެ.
" ކުރިޔަށް އޮތް 15 އަހަރު މި ކުލަބުގައި މަޑުކުރަންވެސް އަހަރެން ތައްޔާރު. އަހަރެން ދިގު މުއްދަތަކަށް މި ކުލަބުގައި މަޑުކުރަން ބޭނުން. އަހަންނަށް މަޑުނުކުރެވެންވީ ސަބަބެއްނެއް،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ކޯޗިންގެ ވަޒީފާ އަކީ ޕްރެޝަރު ބޮޑު ކަމެއް ކަމަށާއި އެ ޓީމެއްގައި ހުރުމަކީ ވަރަށް ކެރިގެން ކުރިމަތިލާން ޖެހޭ ކަމެއް ކަމެވެ.އަދި ފާގަސަން ކުރި މަސައްކަތް ތަކުރާރު ކުރަން ބޭނުންވާ ކަމުގައި މޮރީނިއޯ ވަނީ ބުނެފައެވެ.

" އަހަރެން މިސާލަކަށް ބަލާނީ ފާގަސަން. އޭނާ ބުރަމަސައްކަތުން ކުލަބަކަށް ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދަދީފަ. އެގޮތަށް އަހަރެން ވެސް ކުރިއަށް ގޮސް ކާމިޔާބުހޯދިދާނެ. ނުހޯދެންވީ ސަބަބެއް ނެތް،" މޮރީނިއޯ ބުންޏެވެ.

މީގެ ކުރިން މޮރީނިއޯގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ ބާރުތަށް ކަމުގައިވާ ޗެލްސީ ރެއާލް މެޑްރިޑް އަދި އިންޓަ މިލާން އަށްވެސް ކޯޗުކޮށްދީފައެވެ. މީގެން ކޮންމެ ޓީމެއްވެސް ވަނީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން ޗެލްސީއަށް ޕްރިމިއާ ލީގު ހޯދައިދިނުމުގެ އިތުރުން ރެއާލް މެޑްރިޑަށް ޗެމްޕިއަންލް ލީގު ހޯދައިދީ އަދި އިންޓަމިލާނަށް ވެސް ޗެމްޕިއަން ލީގުގެ އިތުރުން އިޓަލީ ލީގު އަދި އިޓަލީ ކަޕް ހޯދަދީފައިވެއެވެ.

މިއަދު އޮންލައިން