ވޮސިއެޗް ޝެޒްނީ ޔުވެންޓަސް އަށް ބަދަލުވެއްޖެ

ކިޔުމަށް ހޭދަވާނީ 2މ 4ސ
ވޮސިއެޗް ޝެޒްނީ ޔުވެންޓަސް އަށް ބަދަލުވެއްޖެ

ލޯނެއްގެ ދަށުން ވޭތުވެ ދިޔަ ދެ ސީޒަނުގައި އިޓަލީގެ ރޯމާއަށް ކުޅުނު އާސެނަލްގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.
ޝެޒްނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 10 މިލިއަން ޕައުންޑަށެވެ.

ޝެޒްނީ މިދިޔަ ދެ ސީޒަނުގައިވެސް ކުޅެފައިވަނީ ރޯމާއަށް ލޯނު އުސޫލުންނެވެ. އެހެން ނަމަވެސް މިފަހަރު ޔުވެންޓަސްއިން އޭނާ ގެންދިއަޔީ ލޯނު އުސޫލަކުން ނޫނެވެ. އާސެނަލްއިން ރިލީޒް ދިނުމުން އެއްކޮށް ޔުވެންޓަސްއަށް ބަދަލުވީއެވެ.

ޔުވެންޓަސްއިން ޝެޒްނީ ގެނައީ އެޓީމުގެ ތަޖުރިބާކާރު ކީޕަރު ބުފޮންގެ ބަދަލުގައެވެ. އޭނާ ކުރިއަށް އޮތް ސީޒަނަށް ފަހު ރިޓަޔާކުރާނެ ކަމަށް ބެލެވޭތީއެވެ. ބުފޮން ރިޓަޔާކުރަންވާއިރަށް ޔުވެންޓަސް އިން ޒުވާން ކީޕަރެއް ގެނައުމުގެ މަގުސަދުގައެވެ.
ނިމިގެން ދިޔަ ސީޒަނުގައި ރޯމާއިން އިޓަލީ ލީގުގެ ދެވަނަ ހޯދިއިރު އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ޝަޒްނީއެވެ. އޭނާ ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ ބައިކޮޅަށް ގޯލެއް ވައްދާނުލާ 14 މެޗު ފުރިހަމަކޮށްފަ އެވެ.

ރޯމާއިން ޝެޒްނީ އިތުރަށް އެ ކުލަބުގައި ބެހެއްޓުމަށް ބޭނުންވިނަމަވެސް ލޯން މުއްދަތު ހަމަވުމުން އޭނާ ގަތުމުގެ ފުރުސަތެއް ރޯމާ އަށް ނުލިބުމުން އޭނާ ބަދަލުވީ ޔުވެންޓަސް އަށެވެ.
ޔުވެންޓަސްއަށް ބަދަލުވުމަށް ފަހު ޝެޒްނީ ބުނީ ޔުވެންޓަސް އިން ފުރުސަތު ލިބުމުން އުފާވާ ކަމަށާއި އާ ޗެލެންޖަކަށް ފުރުސަތު ލިބުމުން އެކަމަށް ތައްޔާރު ކަމަށެވެ.

" ޔުވެންޓަސްއަށް ބަދަލުވުމުގެ ފުރުސަތު ލިބުމުން އުފާކުރަން. ޔުވެންޓަސް އަކީ އަހަރެންގެ ކެރިއަރު ދެން އޮތް ސްޓޭޖަށް އެންމެ ރަނގަޅު ކްލަބް. އަދި އާޗެލެންޖަކާއި ކުރިމަތިލުމަށް ލިބުނު ރަނގަޅު ފުރުސަތެއް.،" ޝެޒްނީ ބުންޏެވެ.

2009 ވަނަ އަހަރު އާސެނަލްއާއި ގުޅުނު ޝެޒްނީ ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ކުޅުނު ރޯމާއަށް 72 މެޗު ކުޅެދީފައެވެ. އަދި އޭނާ އަކީ ޕޮލެންޑް ގައުމީ ޓީމުގެ ކީޕަރުވެސް މެއެވެ.
ޔުވެންޓަސް އިން ޝެޒްނީ ގެނައި އެ ޓީމުގެ ބްރެޒިލް ކީޕަރު ނެޓޯ ސްޕެއިންގެ ވެލެންސިއާ އަށް ވިއްކާލުމަށް ފަހުގައެވެ. އަދި އެޓީމުގެ ދެ ޑިފެންޑަރުން ކަމުގައިވާ ލިއޮނާޑޯ ބޮނޫޗީ އާއި އަލްވޭޒް ވެސް ވަނީ ކުލަބު ދޫކޮށް ގޮސްފައެވެ. އެހެން ކަމުން އޭގެ ބަދަލުގައި ޔުވެންޓަސް އިން ވަނީ މިލާނުގެ ޑިފެންޑަރު މަޓިއާ ޑި ސިގްލިއޯ އެޓީމަށް ގެނެސްފަ އެވެ.
ޔުވެންޓަސްއިން އަދިވެސް ދަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން