ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މަޖިލީހުގެ ނައިބް ރައީސް ރީކޯ މުސާ މަނިކުގެ އަނބިން ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި ބުނީ ރީކޯ މޫސާ މަނިކަށް އޭނާ ބޭނުންވާ ކޮންމެ ވަގުތަކު ވަރިކުރެވޭނީ އޭނާގެ އަނބިން ކަމަށާއި އޭނާ ބޭނުންވުމުން އޭނާގެ އަނބިން ވަރިކުރާ ފަދައިން އޭނާއަށް މަޖިލީހުގެ މެންބަރުން މެންބަރުކަމުން ވަކި ނުކުރެވޭނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރުން ވަކިކުރިކަން އަންގައި ފޮނުވި ސިޓީގައި މޫސާ މަނިކު ސޮއިކޮށްފައިވަނީ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ކަމަށެވެ.
ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެފަދަ ސިޓީއެއް ފޮނުވާނަމަ ސޮއިކުރައްވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ އަމީން ޢާންމު ކަމަށެވެ. މަޖިލީހުގެ އަމީން ޢާންމަކީ އެފަދަ ޤާނޫނާއި ޚިލާފު ކަންކަމުގައި ސޮއިކުރައްވާނެ ބޭފުޅަކަށް ނުވާތީ އެސިޓީގައި ސޮއި ނުކުރެއްވީ ކަމަށެވެ.
"އަމީން ޢާންމު ސޮއި ނުކުރެއްވީމާ ކޮންމެވެސް މީހަކު ސޮއިކޮށްލީ، އެއީ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ފޮނުވާފައިވާ ސިޓީއެއް ނޫން." ކަމަށްވެސް އިބޫ ވިދާޅުވިއެވެ.