އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ މ. ކުނޫޒުގައި ބާއްވާ ޖަލްސާގެ ތެރެއިންވެސް އަދި 24 ވަނަ ދުުވަހު ހިންގަން ރާވާފައިވާ ހަރަކާތުގެތެރެއިންވެސް ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުގެ ފަރާތުން މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޚްލޫފް ވިދާޅުވީ މިހަރަކާތްތައް ޤާނޫނީ އިމުގެތެރެއިން ކުރިއަށް ގެންދެވޭނަމަ ފުލުހުންގެ ފަރާތުން ހުރަސް ނުއަޅާނެކަމުގެ ޔަޤީންކަން ފުލުހުންގެ ފަރާތުން ލިބިފައިވާ ކަމަށާއި އެގޮތަށް ފުލުހުން އަމަލުކުރާނެ ކަމަށް ޢުނމީދު ކުރައްވާ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ ކުނޫޒުގައި ބައްދަލުވުން ބާއްވަން ނިންމީ ބައްދަލުވުން ބާއްވާނެ ބޮޑުތަނެއް ނުލިބިގެން ކަމަށެވެ. އެހެންކަމުން ކިތަންމެ ހަނިތަންކޮޅެއްގައި ވެސް ބައްދަލުވުން ބާއްވަން ނިންމީ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ އިދިކޮޅު ލީޑަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި ރައްޔިތުންނަށް މުހިންމު މެސެޖުތަކެއް ބައްދަލުވުމުގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ 24 ވަނަ ދުވަހު ބާއްވަން ތާވަލްކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެކަމަށް މެންބަރުންނަށް ހިތްވަރުދިނުމަށްޓަކައި ވީހައި ގިނަ ރައްޔިތުން 24 ވަނަ ދުވަހު ހެނދުނު 9:00 އަށް ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސްކުރިމައްޗަށް ހާޒިރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "އެތަނުން އެގަޑީގައި އިތުރު މައުލޫމާތު ލިބޭނެ."
24 ވަނަ ދުވަހަށް ވީހައި ގިނަ ބައަކު މާލެއައުމަށްވެސް މަޚްލޫފް ވަނީ އެދިވަޑައިގެންފައެވެ.