ރެއާލް މެޑްރިޑް ބަލިކޮށް އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް ޓްރޮފީ ބާސެލޯނާއިން ހޯދައިފި.
ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް ޓްރޮފީ ބާސެލޯނާ އިން ހޯދައިފި އެވެ.
ރޭ ފަތިހު 5 ޖެހިއިރު ރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ބާސާ އިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުންވެސް ހަލުވި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހަ ލީޑުނެގީ ބާސެލޯނާއިންނެވެ.
އެމެރިކާގެ ފްލޮރިޑާގައި ކުޅުނު ފައިނަލް މެޗު ފެށިގެން ތިންވަނަ މިނެޓުގައި ބާސާ އިން މެޗުގެ ލީޑުނަގަފައިވާއިރު މި ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ.
މި ލަނޑަށްފަހުވެސް ބާސާ އިން ދިޔައީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ހަތްވަނަ މިނެޓުގައި އިވާން ރަކިޓިޗް ކާމިޔާބުކޮށްދިން ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.
ރެއާލް އިން ވަނީ މެޗުގެ ވަކި ހިސާބަކުން ކޮންޓްރޯލް ހޯދާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރީ 14 ވަނަ މިނެޓުގައި މަޓިއޯ ކޮވަސިޗް ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގެ 36 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ރެއާލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މާކޯ އެސެންސިއޯ އެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފަށް ދެޓީމުވެސް ނިކުތީ ގިނަ ބަދަލުތަކާއެކުގަ އެވެ. ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ބާސާއިން ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މި ލަނޑު 50 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް ޕީކޭ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ.
ރެއާލް އަދި ބާސާ ދެން ވާދަކުރާނީ ސްޕެނިޝް ސުޕާ ކަޕްގައެވެ. މި މެޗުގެ ފުރަތަމަ ލެގު އަންނަ މަހުގެ 14 ވަނަ ދުވަހު ކުޅޭއިރު، ދެވަނަ ލެގު ކުޅޭނީ 16 ވަނަ ދުވަހެވެ.