ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ބޯނަސް ހިފަހައްޓަން ބާސާއިން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މިގޮތަށް ނިންމާފައިމިވަނީ ނޭމާ ޕީއެސްޖީއަށް ބަދަލުވާން އުޅޭކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
2021 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓް ނޭމާ އައު ކޮށްފައިވާ އިރު، އެ ކޮންޓްރެކްޓުގައިވާ ގޮތުން ފުރަތަމަ އަހަރު ފުރިހަމަ ކުރުމާއެކު ނޭމާއަށް 25 މިލިއަން ޔޫރޯގެ ބޯނަހެއް ދޭނެއެވެ. އަދި މިދިޔަ ހޯމަ ދުވަހު ބާސެލޯނާ އިން ނޭމާއަށް ބޯނަސް ދޭން ޖެހެއެވެ.
އެހެންނަމަވެސް ނޭމާ އޭނާގެ އެއްބަސްވުމުގައިވާ ބައެއް މާއްދާތަކާއި ޚިލާފުވެފައިވާތީ ބާސެލޯނާ ބޯޑުން ބޯނަސް ހިފެހެއްޓުމަށް ނިންމާފައިވާ އިރު، އެއްބަސްވުމުގައި ބުނާގޮތުން ފުރަތަމަ އަހަރުތެރޭ ބާސެލޯނާގެ ހުއްދަނެތި އެހެން ކްލަބަކާ މަޝްވަރާ ކޮށްފިނަމަ ބޯނަސް ނުދިނުމުގެ އިޚުތިޔާރު ކްލަބަށް ލިބިގެންވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނޭމާގެ ކޮންޓްރެކްޓް ބާސާއިން އުވާލައިފިނަމަ ދައްކަންޖެހޭ 222 މިލިއަން ޔޫރޯ ޕީއެސްޖީ އިން ދެއްކުމަށް ވަނީ ނިންމާފައެވެ.