ދުނިޔޭގެ ރިކޯޑު އަގަކަށް، ބާސެލޯނާއަށް ކުޅެމުން އައި ހުނަރުވެރި ޒުވާން ފޯވާޑް ނޭމާ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.
ނޭމާ ޕީއެސްޖީއަށް ސޮއިކުރީ ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 198 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއާއެކު ނޭމާ މިހާރު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު، ކުޅުންތެރިއާއަށެވެ.
އެހެންކަމުން ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް މިއަދުގެ ވަގުތެއްގައި ނޭމާ ދައްކާލުމަށް ހާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް އެ ކްލަބުން ވަނީ ނިންމާފައެވެ.
ދުނިޔޭގެ ރެކޯޑު އަގަކަށް ޕީއެސްޖީން ނޭމާ ގެންގޮސްފައިވާއިރު އެ ކްލަބުން ވަނީ ދާދިފަހުން ބާސެލޯނާއަށް ކުރިން ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު، ޑެނިއަލް އަލްވޭސް ވެސް ގެންގޮސްފައެވެ.
ޕީއެސްޖީއަށް ބަދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ނޭމާ ބުނީ އެ ކްލަބަށް ބަދަލުވެވުމުން އުފާކުރާ ކަމަށެވެ. އަދި ކުލަބާއެކު ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ނޭމާ ބުނީ ޕީއެސްޖީއަކީ ޔޫރަޕްގެ ގަދަބާރެއްކަމަށާއި އަދި ޕީއެސްޖީއަށް ބަދަލުވުމުގެ ޝައުގުވެރިކަން އުފެދުނީ، އެ ކްލަބުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ސަބަބުން، ކަމަށްވެސް ނޭމާ ބުންޏެވެ.
" ޕީއެސްޖީއަކީ ތަފާތު ޓީމެއް. ޔޫރަޕްގެ ބޮޑު ބާރެއް. އެކުލަބާއި އެހެން ކުލަބުތަކުގެ ތަފާތަކީ ހާސިލް ކުރަން ބޭނުންވާ ކަންތަށްތަށް. އެކަމަށް އަހަރެން ވަރަށް ބޮޑަށް ޝައުގުވެރިވަން. ފުރަތަމަ ޕީއެސްޖީއާ ދޭތެރޭގައި ވިސްނުިންވެސް އައީ މި ސަބަބައް ޓަކައި ވަރަށް ހިންހަމަ ޖެހޭ ކުލަބާއި ދޭތެރޭ." ނޭމާ ބުންޏެވެ.
ބްރެޒިލްގެ ސަންތޯސްއިން 2013 ވަނަ އަހަރު ބާސާއާ ގުޅުނު ނޭމާއަކީ ބާސާގެ ކުރީގައި ހަރަކާތްތެރިވި، ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. އެހެން ކަމުން އޭނާ ވަނީ އެ ކްލަބަށް 186 މެޗު ކުޅެދީ 105 ގޯލު ކާމިޔާބުކޮށްފައެވެ.
ބްރެޒިލްއަށް އުފަން ނޭމާ ވަނީ ބާސާގައި ހޭދަކުރި މުއްދަތުގައި، ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ތިން ފަހަރެއްގެ މަތިން، އަދި ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.