ޓޫލޫސްގެ މައްޗަށް ކުރި ހޯދާ، މޮޅަކާއެކު ފްރެންޗް ލީގު މޮނާކޯއިން ރޭ ފަށައިފިއެވެ.
މިފަހަރުގެ އާ ފުޓްބޯޅަ ސީޒަން ހުޅުވިގެން ދިޔައީ މޮނާކޯ އަދި ޓޫލޫސްގެ މެޗުންނެވެ. މި މެޗު 2-3 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ މޮނާކޯއެވެ.
މޮނާކޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ޓޫލޫސް އިންނެވެ. މި ގޯލު މެޗުގެ ހަވަނަ މިނެޓްގައި، އެޓީމަށް ކާމިޔާބުކޮށްދިނީ ޒައިނުއްދީން މަޗާއެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެކުރިން މެޗުގެ 28 ވަނަ މިނެޓުގައި ޖާއޯ މޮޓީނިއޯގެ އެހީތެރިކަމާއެކު ނަސިމެންޓޯ ވަނީ ލަނޑެއް ޖަހާ މޮނާކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ، މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ޑެލޯޓު ވަނީ، އެޓީމުގެ ދެވަނަ ލަނޑުޖަހާ ދެވަނަ ފަހަރަށް މެޗުގެ ލީޑު ޓޫލޫސްއަށް ނަގާދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓްފަހުން، މޮނާކޯގެ ކެޕްޓަން އަދި އެޓީމުގެ ފޯވާޑު، ރަޑަމެލް ފަލްކާއޯ ވަނީ، ދެވަނަ ފަހަރަށް މޮނާކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން މޮނާކޯއަށް 3 ޕޮއިންޓު ކަށަވަރުކޮށްދިން ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގިލިކްއެވެ.
ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ ބޮޑެތި ބަދަލުތަކަކާއި އެކު މިފަހަރުގެ އާސީޒަނާއި ކުރިމަތިލާފައިވާއިރު އެޓީމުން ލީގުގެ ފެށުން ރަނގަޅުކުރުމަތީ ކުރިޔައް އޮތް މެޗުތަކަށް ލިބިގެންދާނެ ބޮޑު ހިއްވަރެކެވެ.
މިފަހަރުގެ ސީޒަނަށް މޮނާއިން ނިކުތީ ނިމިގެން ދިޔަ ސީޒަނުގައި މޮޅުކުޅުމެއް ދައްކާފައިވާ ބާނާޑޯ ސިލްވާ އާއި ބެންޖަމިން މެންޑީގެ އިތުރުން، ޓިއެމޫ ބަކަޔޯކޯ ނުލައެވެ. މި ހުރިހާ ކުޅޫންތެރިންވެސް ވަނީ ޓީމު ދޫކޮށް އެހެން ކުލަބުތަކަށް ބަދަލުވެފައެވެ.