ލިވަޕޫލަށް ކުޅެމުން އަންނަ ތަޖުރބާކަރު މިޑްފީލްޑަރ އެޑަމް ލަލާނާއަށް އަނިޔާވެ އަނިޔާގެ ދެ މަސްދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
ލަލާނާއަށް އަނިޔާވެފައިވަނީ އައުޑީ ކަޕްގެ ފައިނަލްގައި، އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ލިވަޕޫލްއިން ކުޅުނު މެޗުގައި އޭނާގެ ފަލަމަސް ގަނޑަށެވެ. ލަލާނާއަށް އަނިޔާވެ ދެމަސް ދުވަހަށް ކުޅުމާއިދުރަށްދާން ޖެހިފައި މިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ އާސީޒަން ފެށެން ތައްޔާރުވެފައި ވަނިކޮށެވެ.
މި އަނިޔާއާ ގުޅިގެން ލަލާނާއަށް މުހިންމު ގިނަ މެޗުތަކެއް ގެއްލިގެންދާއިރު މި އަނިޔާގެ ސަބަބުން ލީގުގައި ލިވަޕޫލްއިން، މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް އަދި، އާސެނަލްއާ ދެކޮޅަށް ލިވަޕޫލްއިން، ކުޅޭ މެޗުތަކުގައި ލަލާނާއަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެއިތުރުން ވޯލްޑްކަޕް ކޮލިފައިންގައި، މަލްޓާ އާއި ސްލޮވާކިޔާ އާއި ދެކޮޅަށް، އިންގްލޭންޑުން ކުޅޭ މެޗުތަކުގައި ވެސް، ލަލާނާއަށް ނުކުޅެވޭނެއެވެ.
ލަލާނާގެ އަނިޔާއާ ގުޅޭގޮތުން މީޑިއާއާ ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ، ލަލާނާއަށް ލިބިފައިވާ އަނިޔާގެ ސީރިއަސް ކަމާއި މެދު އެއްޗެއް ބުންނަން ނޭންގޭ ކަމަށާއި އެހެން ނަމަވެސް ގުޅިގެން އޭނާ ދެ މަސްދުވަހަށް، ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި ލަލާނާގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާނެ ކަމަށާއި އޭނާ ކުޅުމުގެ ތެރެއަށް އެނބުރި އަވަހަށް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ކްލޮޕް ބުންޏެވެ.
" ލަލާނާއަކީ ޓީމުގެ ވަރަށް މުހިންމު ކުޅޫންތެރިއެއް. އޭނާއަށް އަނިޔާވެ ދެމަސް ދުވަހަށް ކުޅުމާއި ދުރަށްދާން ޖެހުމަކީ ހިތާމަކުރާކަމެއް". ކްލޮޕް ބުންޏެވެ.