ޔުނައިޓެޑު ބަލިކޮށް ޔޫއެފާ ސުޕަރ ކަޕް ރެއާލްއިން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 50ސ
ޔުނައިޓެޑު ބަލިކޮށް ޔޫއެފާ ސުޕަރ ކަޕް ރެއާލްއިން ކާމިޔާބުކޮށްފި
ޔޫރޮޕާރ ލީގު ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު ޔޫއެފާރ ސުޕަރ ކަޕް ރެއާލް މެޑްރިޑުން އުފުލާލައިފިއެވެ.

ރެއާލްއިން ޔުނައިޓެޑުގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ.

މެސެޑޯނިއާގެ ސްކޮޕްޖޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 24 ވަނަ މިނެޓުގައި ކަވަހާލްގެ އެހީތެރިކަމާއެކު ރެއާލްއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަބޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރ ކަސަމެއިރޯއެވެ.

ރެއާލް އިން ލީޑުނެގި މި ގޯލަށްފަހު ވެސް، ރެއާލްއިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ބެންޒެމާ ފޮނުވާލި ބާރު ހަމަލާއެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ހުސިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ލީޑުގައި އޮވެ ރެއާލް އިން މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގެ ފެށިގެން މެޗުގެ 53 ވަނަ މިނެޓްގައި ރެއާލްއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިސްކޯއެވެ.

ރެއާލްގެ މި ލަނޑަށްފަހު ޔުނައިޓެޑުން އިތުރަށް ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން އެޓީމުން ދިޔައީ ރެއާލްގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ރެއާލްގެ ގޯލަށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. ލުކާކޫ ހުސްކޮށް އޭރިޔާތެރޭގައި ހުރެ ފޮނުވާލި މި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ޔުނައިޓެޑުގެ ހަމައެކަނި ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ލުކާކޫ އެވެ.

ލުކާކޫ މި ލަނޑުޖަހާފައިވަނީ އޭރިޔާ ބޭރުން ރެއާލްގެ ގޯލަށް އަމާޒުކޮށް މަޓިޗް ފޮނުވާލި ބާރު ހަމަލާއެއް ރެއާލްގެ ގޯލްކީޕަރުގެ އަތުގައިޖެހިފަ ނިކުތްވަގުތުއެވެ.

މި ލަނޑަށް ފަހުވެސް ޔުނައިޓެޑުން ރަނގަޅަށް ކުޅެމުންދިޔައިރު ނަތީޖާ އެއްވަރުކޮށްލަން މެޗުގެ ފަހުވަގުތުކޮޅުތެރޭ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑްއަށް ވަނީ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ.

ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.

މިއީ ރެއާލްއިން، އެ ކްލަބުގެ ތާރީހުގައި ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ އެޓީމު މި ކަޕް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

މިއަދު އޮންލައިން