އިނގިރޭސި ޕްރިމިއަރ ލީގުގެ އައި ސީޒަންގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ވެސްޓް ހޭމް ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފިއެވެ.
އެޓީމުން ކުރި ހޯދީ މެންޔޫއަށް 75 މިލިއަން ޕައުންޑަށް ގަތް ފޯވަރޑް ރޮމެލޫ ލުކާކޫގެ ދެ ލަނޑާ އެކު 4-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގައި ލުކާކޫ އާއި ނިމަންޔާ މަޓިޗް އަދި ވިކްޓަ ލިންދެލޯފް ފަދަ ތަރިންނާ އެކު މެންޔޫއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ލީޑު 33 ވަނަ މިނެޓުގައި ނަގައިދިނީ ލުކާކޫއެވެ. އަދި 52 ވަނަ މިނެޓުގައި ހެންރިކް މިކިތާރްޔަން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ލުކާކޫ ވަނީ ލީޑު ފުޅާކޮށްދީފައެވެ.
މެންޔޫގެ ތިން ވަނަ ލަނޑު 87 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއާ އެންތަނީ މާޝިއާލް ޖަހައިދިން އިރު، މެޗުގެ 4 ވަނަ ލަނޑު ޖަހައި، ނަތީޖާފުޅާކޮށްދިނީ ޕޮގްބާއެވެ.
ފާއިތުވި ސީޒަންގައި މެންޔޫއިން ސީޒަން ނިންމާލާފައިވަނީ 6 ވަނައިގާ އޮވެއެވެ.
މިރޭގެ އަނެއް މެޗުގައި ޓޮޓެންހަމް ހޮޓްސްޕާރަރ ވަނީ ނިއުކަރސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެފައެވެ.
ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި ނިއުކާސަލްގެ ޖޮންޖޯ ޝެލްވޭ އަށް ދެއްކި ރަތްކާޑާ އެކު އެ ޓީމުން ބާކީ ބައި ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ. ޓޮޓެންހަމަށް 61 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޑެލޭ އާލީ އެވެ. އަދި 70 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ޖަހައިދިނީ ބެންޖަމިން ޑަވީސް އެވެ.