ޕީއެސްޖީ ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 45ސ
ޕީއެސްޖީ ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ
ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ގެއިގަންޕްގެ މައްޗަށް ކުރި ހޯދާ، ޕީއެސްޖީން ކުޅުނު ދެވަނަ މެޗުންވެސް ކާމިޔާބުކޮށްފިއެވެ.

ގެއިންގަމްޕްގެ މައްޗަށް ޕީއެޖީން ކުރިހޯދާފައިވަނީ 0-3 ގެ ނަތީޖާއިންނެވެެ.

ރޭގެ މެޗުގައި ދުނިޔޭގެ ރެކޯޑު އަގަކަށް، ދާދިފަހުން ޕީއެސްޖީއާ ގުޅުނު ނޭމާ ވަނީ، އެޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން، މޮޅު ކުޅުމެއް ދައްކާފައެވެ. ރޭގެ މެޗަކީ ޕީއެސްޖީއަށް ބަދަލުވިފަހުން، ނޭމާ އެޓީމަށް ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ރަށުން ބޭރުގައި ޕީއެސްޖީން ގެއިންގަމްޕްއާއި ދެކޮޅަށް ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަނަމަވެސް މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޕީއެސްޖީއަށް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން އެޓީމުގެ ޑިފެންޑަރު މާކިއުނޯސް، ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގެއިގަންޕްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ޕީއެސްޖީން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. އެހެން ނަމަވެސް މި ލަނޑަކީ ގެއިގަންޕްގެ ޖޯޑަން އިކޯކޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑާއެކު ޕީއެސްޖީން ލީޑުނެގިއިރު މެޗުގެ 62 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދުނިޔޭގެ ރެކޯޑް ފީއަކަށް ދާދިފަހުން ބާސެލޯނާއިން ޕީއެސްޖީއާ ގުޅުނު ނޭމާއެވެ. ލީގުގައި އެޓީމުން ދެން ބައްދަލުކުރާނީ ޓޫލޫސްއާއެވެ.

ޕީއެސްޖީގެ އިތުރުން ފްރެންޗް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ މޮނާކޯ ވެސް ވަނީ ޑިޖޯންއާ ވާދަކޮށް 1-4 ގެ ނާތީޖާއަކުން މޮޅުވެފައެވެ. މޮނާކޯ މޮޅުވީ މި މެޗުގައި ފަލްކާއޯ ވަނީ ތިން ގޯލު ކާމިޔާބުކޮށްދިނީ ހެޓްރިކޮ ފުރިހަމަ ކޮށްދީފައެވެ.

މިއަދު އޮންލައިން