ސްޕެނިޝް ސުޕަކަޕްވެސް ރެއާލްއަށް

ކިޔުމަށް ހޭދަވާނީ 1މ 39ސ
ސްޕެނިޝް ސުޕަކަޕްވެސް ރެއާލްއަށް
ސްޕެނިޝް ކަޕްގެ ދެވަނަ ލެގުންވެސް މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕާކަޕްގެ ތަށި އުފުލާލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި ބާސާގެ ދަނޑުގައި ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ރެއާލް އިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 4 ވަނަ މިނެޓުގައި ޖަހައިދިނީ ރެއާލްގެ ޒުވާން އުންމީދީ ކުޅުންތެރިޔާ މާކޯ އެސެންސިއޯއެވެ.

ރެއާލްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކަރީމްބެންޒެމާކާމިޔާބުކޮށްދިންލަނޑުންނެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ބާސާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެ ގޮތުން ލުއިސް ސުއަރޭޒްއާއި ލިއޮނެލް މެސީގެ ހަމަލާތަކެއް ރެއާލްގެ ގޯލްގެ ދަނޑިޔާ އަމާޒުވިނަމަވެސް އޭގެން ހަމަލާއެއް ގޯލްގެތެރެއަށް ވައްދާލެވޭގޮތް ވަނީ ނުވެފައެވެ.

މި މެޗަށް ރެއާލް ނުކުމުފައިވަނީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނުލައެވެ. ފުރަތަމަ ލެގުގައި ރެފްރީގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލި މައްސަލާގައި ރޮނާލްޑޯއަށް ވަނީ ފަސް މެޗުގެ ސަސްޕެންޝަނެއް އައިސްފައެވެ.

މިއީ ރެއާލްއިން މި ސީޒަނުގައި ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. އެ ޓީމުން ވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑު ބަލިކޮށް ޔުއެފާ ސުޕާކަޕް ކާމިޔާބުކޮށްފައެވެ. މިއީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން އެ ޓީމަށް ކާމިޔާބުކޮށްދިން ހަތްވަނަ ތައްޓެވެ.

މާދަމާ ސްޕެނިޝް ލީގުގެ ކުޅުން ފެށިގެން ދާއިރު ރެއާލްއިން ނުކުންނާނީ ޑިޕޯޓިވޯއާއި ދެކޮޅަށެވެ. އަދި ބާސާއިން ނުކުންނާނީ ރެއާލް ބެޓިސްއާއި ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭގައެވެ.
މިއަދު އޮންލައިން