ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ 24 ކުޅުންތެރިންގެ ނަންތަށް އިއުލާންކޮށްފިއެވެ.
ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ 24 ކުޅުންތެރިންގެ ނަންތަށް އިއުލާނު ކުރިއިރު މި މި އެވޯޑަށް ވާދަކުރާ 24 ކުޅުންތެރިންނަކީ:
ސްޕެނިޝް ލީގު (ލަލީގާ)
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑެނިއަލް ކަވަހާލް އާއި މާސެލޯ އާއި ސާޖިއޯ ރާމޯސްގެ އާއި ގޯލްކީޕަރު ކޭލާ ނަވާސް އާއި ލޫކަ މޮޑްރިޗް އާއި ޓޯނީ ކްރޫސް، ލިއޮނަލް މެސީ ، އަންދްރޭސް އިނިއެސްޓާ އާއި ލުއިސް ސުއަރޭޒް ގެ އިތުރުން މިދިޔަ ސީޒަނުގައި ބާސާއަށް ކުޅުނު އަދި މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާގެ އިތުރުން ގްރީޒްމަން.
އިނގިރޭސި ޕްރިމިއަރ ލީގު
އެޑެން ހަޒާޑް އާއި އެންގޯލޯ ކަންޓޭ، ހެރީ ކޭން، އެލެކްސިސް ސަންޗޭޒްގެ އިތުރުން މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނު ޒްލަޓާން އިބްރަހިމޮވިޗް.
ޖަރުމަން ލީގު (ބުންޑެސް ލީގާ)
ރޮބަޓް ލެވެންޑޯސްކީ، މެނުއަލް ނޯޔާ، އާޓޫރޯ ވިޑާލް، ޕިއެރޭ-އެމެރިކް އޯބަމަޔަން.
އިޓާލިއަން ލީގު (ސެރިއޭ އޭ)
ޕައުލޯ ޑިބާލާ، ޖިއާންލުއިޖީ ބުފޮން، ލިއަނާޑޯ ބޮނޫޗީ.
މިފަހަރުގެ މި އެވޯޑަށް އެންމެ ގިނަ ކުޅުންތެރިން ވާދަކުރަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން އެ ކްލަބުގެ ހަތް ކުޅުންތެރިއަކު މި އެވޯޑަށް ވާދަކުރާ އިރު ދެވަނައަށް އެންމެ ގިނަ ކުޅުންތެރިން ވާދަކުރަނީ ވާދަވެރި ބާސެލޯނާއިންނެވެ.
އިނގިރޭސި ޕްރިމިއަރ ލީގަށް ނިސްބަތްވާ ފަސް ކުޅުންތެރިން ހިމެނޭއިރު ޖަރުމަން ލީގުން ހިމެނެނީ ހަތަރު ކުޅުންތެރިންނެވެ. އަދި އިޓަލީ ލީގުން ތިން ކުޅުންތެރިންނެވެ.
މި އެވޯޑު ހޮވާނީ ޤައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ ވޯޓުންނާއި ޢާންމުން އަދި މީޑިއާތަކުގައި މަސައްކަތްކުރާ 200 އަށްވުރެ ގިނަ މީހުންދޭ ވޯޓުންނެވެ. އަދި މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓު ދިނުމުގެ ފުރުޞަތު ޢާންމުންނަށް މި މަހުގެ 21 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ވޯޓަށްފަހު ފީފާއިން މި އެވޯޑަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިއަކު ހޮވާ އިއުލާން ކުރާނެއެވެ. އެންމެ މޮޅު ކުޅުންތެރިއަކު ހޮވާނީ މި ތިންކުޅުންތެރިންގެ ތެރެއިންނެވެ. އެގޮތުން މި އެވޯޑު ލިބޭ ކުޅުންތެރިއަކު ހޮވާ އެކަން އިއުލާންކުރާނީ އަންނަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.