ވޯޓުން ބަލިކުރާނެކަމަށް ބުނި ބުނުން އަންނަނީ ތަކުރާރުވަމުން ކަމަށާއި އަދި އެކަންދާނީވެސް ތަކުރާރުވަމުންކަމަށް ގުޅިފައިވާ ޕާޓީގެ ތަރުޖަމާން އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް ކޮންމެ ދުވަހަކުވެސް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ ބ. ކަމަދޫގައި އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ލިބުނީ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިއަންނަނީ ވޯޓުން ބަލިކުރާނަމޭ. އެކަން އޮންނާނީ އިއްޔެ ކޮށްފަ" މަޚްލޫފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ މަޚްލޫފް ވިދާޅުވީ ޕީޕީއެމް އިން ކާމިޔާބު ލިބުނުކަމަށް ބުނަމުން އައިނަމަވެސް، ޕޮލިޓިކްސްގައި އަބަދުވެސް އޮންނާނީ އެއްވަނަ ކަމަށެވެ. އަދި ދެވަނައެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން މަޚްލޫފް ވިދާޅުވީ ޕީޕީއެމް އިން ކަމަދޫގެ އިންތިޚާބު ކާމިޔާބުކުރުމަށް ވަރަށްގިނަ ގޮތްގޮތުން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެރަށުން ބުނެފައިއެވަނީ ރައްޔިތުން މިހާރު ބޭނުންވާގޮތް ކަމަށެވެ.