ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެރޭ ޑިޕޯޓިވޯ ލަކަރޫނިއާއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން މޮޅުވެ ލީގުގެ ފެށުން ރެއާލް މެޑްރިޑުން ރަނގަޅު ކޮށްފިއެވެ.
ޑިޕޯޓިވޯގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 20 ވަނަ މިނެޓުގައި ކަރީމް ބެންޒެމާގެ އެހީތެރިކަމާއެކު ގެރެތް ބޭލްޖެހި ލަނޑާއެކު ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ރެއާލްއިންނެވެ.
ރެއާލްއިން މެޗުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީ މެޗުގެ 27 ވަނަ މިނެޓުގައި މާސެލޯގެ އެހީތެރިކަމާއެކު ކަސަމޭރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެ ލަނޑުގެ ލީޑަކާއެކީ ރެއާލް މެޑްރިޑުން މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު، އެޓީމުގެ ތިންވަނަ ލަނޑުޖަހާ މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި ބޭލްގެ އެހީތެރިކަމާއެކު ޓޯނީ ކްރޫޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ލަނޑަށް ފަހުވެސް ރެއާލްއަށް ވަނީ އިތުރު ލަނޑުތަކެއް ޖަހަން ފުރުސަތު ލިބިގެންގޮސްފައެވެ.
މެޗު ނިމެން ދަނިކޮށް ރެއާލްގެ ކެޕްޓަން އަދި ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާކުރާ ސާޖިއޯ ރާމޮސްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫކާޑާ އެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެން ކަމުން ލީގުގައި ދެން ކުޅޭ މެޗުގައި ރާމޮށްއަށް ނުކުޅެވޭނެއެވެ.
ލީގުގައި ރެއާލްއިން ދެން ކުޅޭ މެޗުގައި ނިކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ރެއާލްގެ ދަނޑުގައި ކުޅޭ މި މެޗު ކުޅޭނީ އަންނަ ހަފްތާ އާދިއްތަދުވަހުގައެވެ. މި މެޗުގައި ރެއާލް އަތުން ބަލިވި ޑިޕޯޓިވޯ ލަކަރުނިއާ ބައްދަލުކުރާނީ ލެވާންޓޭއާއެވެ.